ރާއްޖޭގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގޮތް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީގެ ފަރާތުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ލިބުމުން ވެކްސިން ދޭނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށާއި ކަށުކަމާ ކެމީގެ މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ. އެއީ ރާއްޖޭގެ އާބާދީގެ 3 ޕަސެންޓް ކަަމަށް ނަޒްލާ ވިދާޅުވިއެވެ.

ދެން ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ. ހަމައެއާއެކު 50 އަހަރުން ދަށުގެ މީހުންގެ ތެރެއިން ކޮވިޑް ބަލި ޖެހިގެން ބޮޑު ވަރު ވެދާނެ ފަދަ މީހުންނަށް ވެކްސިން ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ދެވަނައަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ މި މީހުންނަކީ އާބާދީގެ 17 ޕަސެންޓް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ވެކްސިން: ފުރަތަމަ ގްރޫޕް

  • ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުން
  • ސިއްހީ ހިދުމަތް ދޭ ތަންތަން ސާފުކުރާ މީހުން
  • އާރްއާރްޓީގައި މަސައްކަތް ކުރާ މީހުން
  • ކަށުކަމާކެމީގެ ކަންކަން ކުރުމުގައި އުޅޭ މީހުން
  • ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންގެ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުން

ކޮވިޑް ވެކްސިން: ދެވަނަ ގްރޫޕް

  • 50 އަހަރާއި 50 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް
  • ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނާއި މިދިޔަ އެއް އަހަރު ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާފައި ތިބި މީހުން
  • ހަކުރު ބަލި ހުންނަ މީހުން
  • އިސްކޮޅާ އެކަށީގެން ނުވާ ވަރަށް ބަރުދަން ހުންނަ މީހުން
  • ކިޑްނީ ބަލީގެ 3 ވަނަ ސްޓޭޖްގައި ފަރުވާ ހޯދަމުންދާ މީހުން
  • ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތަކާއި، ލިވާގެ ބަލިތަކަށް ބޭސް ކުރާ މީހުން
  • ސްޓްރޯކް ޑިމެންޝިއާ ހުންނަ މީހުން
  • ތެލެސީމިއާ ކެރިއަރުންނާއި
  • ބަލިހާލު ބޮޑުވެ އެނދުމަތިކޮށްފައި ތިބޭ މީހުން

ކޮވިޑް ވެކްސިން: ތިންވަނަ ގްރޫޕް

  • ޓީޗަރުންނާއި ފުލުހުންނާއި ސިފައިން
  • އެއާޕޯޓުތަކާއި އެއާލައިންތަކާއި ޓްރެވަލް އެޖެންސީގެ މުވައްޒަފުން
  • ޓޫރިޒަމް ދާއިރާގެ މުވައްޒަފުން
  • ވެމްކޯ މުވައްޒަފުން
  • ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުފަހަރުގެ ކްރޫއިން
  • ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްދޭ ފަރާތްތައް
  • ޕަބްލިކް ސާވިސް ހިދުމަތްދޭ މީހުން
  • ބޭރު ގައުމުތަކަށް ދަތުރުފަތުރު ކުރަންޖެހޭ ފަރާތްތައް

މި ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، ކޮވިކްސް ފެސިލިޓީގެ ދަށުން ރާއްޖޭގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަަމަށެވެ. 20 ޕަސެންޓް މީހުންގެ އިތުރުން އާބާދީގެ އިތުރު މީހުންނަށް ވެކްސިން ހޯދުމަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ވެކްސިން ގެނެސް ރައްކާކުރުމުގެ ނިޒާމް ހަރުދަނާ ކުރުމާއި ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ ކަަމަށް ނަޒްލާ ވިދާޅުވިއެވެ. ކޮވިކްސް އިން ވެކްސިން ލިބޭނީ ބައިބަޔަށް ކަމަށާއި އިތުރު ވެކްސިންތައް ވެސް ލިބޭނީ ބައިބަޔަށް ވަކިވަކިން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، މިހާތަނަށް އައި އިރު ގައިންގަޔަށް އަރާ ބަލިތައް ނައްތާ ލެވިފައިވަނީ ކާމިޔާބު ކަމާ އެކު ވެކްސިން ޕްރޮގްރާމްތައް ހިންގައިގެން ކަަމަށެވެ. ކޮވިޑްއާ ގުޅިގެން ދުނިޔޭގެ އެކިކަނަކޮޅުތަކުގައި 200 އަށް ވުރެ ގިނަ ވެކްސިން ތައްޔާރު ކުރަމުންދާ ކަމަށާއި އަދި ވެކްސިންތައް ތައްޔާރުކޮށް އެ ވެކްސިންތައް ޓެސްޓުކުރަމުން އަންނަ ކަމަށެެވެ.