ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ތިޔާގި ދުވަސްވަރެއް ނަމަ މަސްވެރިންގެ ޝަކުވާ އަކަށް އަބަދުވެސް ވެފައި ވަނީ މާސިންގާ ކަނޑު މަތީ ގަދަ އަވީގައި ނުވަތަ ވިއްސާަރައިގައި އެތަށް ގަޑި އިރެއް ހޭދަ ކޮށްގެން ބާނާ މަސްކޮޅު ކިރާނެ ގޮތެއް ނެތި، ގޮތް ހުސްވެފައިވާ ކަމުގެ ޝަކުވާއެވެ.
މި ދުވަސްވަރަކީވެސް މަސްވެރިކަން ރާއްޖޭގައި ތިޔާގި ވެފައި ވާ ދުވަސްވަރަކަށް ވުމުން އަނެއްކާވެސް ހައްލެއް ލިބުން ނެތް އެ މައްސަލަ މި ވަނީ ފެންމަތި ވެފައެވެ.
މިފްކޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މަސްވެރިންގެ މަސްކޮޅު ކިރުވޭނެ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީވެސް މިއަދު ހުންނެވީ ހަނެވެ. މި އާޓިކަލް ލިޔަން ކޮމެންޓެއް ހޯދުމަށް ގުޅުމުން ޖަވާބެއް ނުދެއްވިއެވެ. ހައްލު ކުރައްވާނެ ކަމަށް ކުރިން ވިދާޅުވި މަސް ކިރުމުގެ މައްސަލަ އޮތީ ހައްލު ނުކުރެވިއެވެ. މަސް ބޭނުމަށް ފަހު ޅ. ފެލިވަރަށް ނުކިރިގެން މަސްވެރިން ކުރަމުން ދާ ޝަކުވާތައް މި ވަނީ އިތުރު ވެފައެވެ.
ދިވެހިންގެ ލޭނާރު ކަމުގައި ކާބަފައިން ދުށް މަސްވެރިކަމަކީ މިހާރު ހީނަރުވަމުން އަންނަ ސިނާއަތެއް ނަމަވެސް، އެ ސިނާއަތް ފުޅާކޮށް ރާއްޖޭގެ އިގްތިސޯދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދުމަށް ސަރުކާރުން މުހިންމު ނިންމުންތަކެއް ނިންމި ނަމަވެސް އަދި ވެސް މަސްވެރިން މާޔޫސްކަމާ އެކު ކުރާ މި ޝަކުވާ މިއޮތީ ކޮޅެއްގައި ނުޖެހިއެވެ.
ސަރުކާރަށް 2 އަހަރުވެގެން ދިޔަ އިރުވެސް މަސް ކިރުމުގެ މައްސަލައަށް ވަނީ ހައްލެއް ނުލިބިފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފެލިވަރަށް މަސް ކިރަން ގޮސް މަސް ނުކިރި އޮތް ހއ. އިހަވަންދޫ މަސްދޯންޏެއްގެ ކެޔޮޅަކު ބުނީ މިދިޔަ އަންގާރަ ދުވަހު އެކަނިވެސް 50 ވަރަކަށް މަސްދޯނި މަސް ނުކިރި އޮތް ކަމަށާއި އޭގެ ތެރޭގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ސުރެ އަޅާފައިވާ ދޯނިތައްވެސް ހިމެނޭ ކަމަށެވެ.
މަސްވެރިކަން ކުރާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެ މަސްވެރިޔާ ބުނީ، ފެލިވަރަށް ދުވާލަކު ނަގަނީ މަދު އަދަދެއްގެ މަސް ކަމަށާއި އެއީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
ކިއު ނަންބަރު ދޫކޮށްގެން މަސް ކިރަމުން ދާއިރު، ކިއު ނަންބަރު ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބީ ކިއުގައެވެ. މަސްވެރިން ބުނީ މަސްކިރަން ފެލިވަރުގައި އޮތް ދޯނި ކިޔު ދިގު ކަމަށާއި މަސްކޮޅުގެ ތާޒާކަން ކެނޑޭ ހިސާބަށް ދާއިރުވެސް ކިރުވޭނެ ކަމުގެ އުއްމީދު ނެތް ކަމަށެވެ.
އެކަމާ ގުޅިގެން ތަކުރާރުކޮށް މިފްކޯއާ ވާހަކަ ދައްކާފައިވާ ކަމަށާއި ނަމަވެސް ލިބޭނީ އަބަދުވެސް ލިބޭ "ކެޕޭސިޓީ ނެތް" ކަމަށް ބުނާ ޖަވާބު ކަމަށް އޭނާ ކިޔައިދިނެވެ. އަދި އިއްޔެ އިތުރު 2 ބޯޓު އަންނާނެ ކަމަށާއި ނަމަވެސް ނެގޭނީ 70 ވަރަކަށް ޓަނުގެ މަސް ކަމަށް ފެލިވަރުން ބުނެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. މަސްވެރިޔާގެ އަޑުގައި ވަނީ މާޔޫސް ކަމެވެ. ބޭނުނު މަސްކޮޅުގެ ތާޒާކަން މަޑުމަޑުން ގެއްލެމުން ދާ އިރު އެކިއެކި ދޯނި ފަރުގެ ފަޅުވެރިންނާއި ކެޔޮޅަށް ވެސް، ކުރި މަސައްކަތުގެ އުޖޫރަ ލިބެން އަންނަނީ ބޭނި މަސްކޮޅު ކިރިގެންނެވެ.
ހައްލު ނުވެ އޮތް އެ މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ބޭފުޅަކާ ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި އެ މިނިސްޓްރީގެ ބުނީ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަން ކަމަށް ވެސް މަސްވެރިޔާ ބުންޏެވެ.
މިއަދު ފާހަގަ ކުރާ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާއަތާ ގުޅުން ހުރި އެކިއެކި ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށް ދީ މި ސިނާއަތުގައި ހުރި ދަތިތައް ހައްލުކުރާނެ ގޮތްތަކާއި ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީ އިން ވަނީ 'މަސްވެރިންގެ ފޯރަމް' ގެ ނަމުގައި ހާއްސަ ފޯރަމެއް އިންތިޒާމު ކޮށްފައެވެ. ނިޔަތް ކިތަންމެހާ ވެސް ރަނގަޅެވެ. މައްސަލައަކީ ފޯރަމްގައި ހިމެނެނީ ސަރުކާރު އޮފީސްތަކުގައި ކޮމްޕއުޓަރު ކީބޯޑް ކައިރީގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. 'މަސްވެރިންގެ ފޯރަމް' ގައި މަސްވެރިއެއްގެ ބައިވެރިވުން މުހިންމެވެ. މަސްވެރިކަމުގައި މިހާރު ހުރި އަދި އަބަދުވެސް ހުރި ގޮންޖެހުންތައް އެންމެ ރަނގަޅަށް ކިޔާ ދޭން އެނގޭނީ، މުނާޖާ ކޮނޑު އަޅައިގެން މަހަށް ނިކުންނަ މަސްވެރިޔާ ނޫން ދެން ކާކަށް ބާއެވެ.
ކޮންމެ ވެރިކަމެއްގައި ވެސް ތަފާތު ގިނަ ވައުދުތަކެއް ހާއްސަކޮށް މަސްވެރިންނަށް ވަމުން ދާއިރު އަސްލު މައްސަލަ ހައްލެއް ނުވެއެވެ. ނުވަތަ ފަރުވާއެއް ނުލިބެއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން މަސްވެރިން ބާނާ މަހަށް ހަމަ އަގެއް ނުލިބެއެވެ. މަސްކޮޅު ކިރާލެވެނީ އެތައް އިރަކު ކިއުގައި ޖެހިގެންނެވެ. ލޭނު އަޅާ މީހުން އެ މަސައްކަތުގައި އަވަދި ނެތި އުޅެއެވެ. އެއީވެސް ހަމަ ސަރުކާރުގެ ހުއްދަ ލިބިގެން ކުރާ މަސްވެރިކަމެކެވެ. މަސް ކިރާ ބޯޓުތައް އެހާ މަދެވެ. ބާނާ މަސްކޮޅު ކިރަން ދާނެ ތަނެއް ނެތެވެ. މަސްގަތުމުގެ ވާދަވެރިކަން ގެއްލި މުޅި ސިނާއަތް އޮޔާދަނީއެވެ.
މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އުތުރުގެ މަސްވެރިކަން ވަނީ އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ތިޔާގިވެފައެވެ. މި ކަމުގެ ސަބަބުން ފެލިވަރުގައި ހުންނަ މިފްކޯގެ ފެކްޓްރީއަށް ވަނީ ބާރު ބޮޑުވެ، މަސް ކިރުމުގެ މައްސަލަތައް ބޮޑުވެގެން ގޮސްފައެވެ.
ފައިސާ ހަމަޖެހި، މިފްކޯއަށް ކަން ނުވި!
މަސްވެރިންނަށް ހަމައަގު ހޯދައި ދިނުމަށާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސައުދީން ލިބުނު އެހީގައި 25 މިލިއަން ޑޮލަރު ހަމަޖެހިގެން ދާނެ ކަމަށް ސަރުކާރުން އިއުލާން ކުރީ މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހެވެ. އެގޮތުން ސައުދީގެ އެހީގައި ގއ. ކޫއްޑޫ ތަރައްގީ ކުރުމަށް 11.76 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކާއި ފެލިވަރު ތަރައްގީ ކުރުމަށް 12.9 މިލިއަން ޑޮލަރު މި ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަޝްރޫގެ ދަށުން ކޫއްޑޫ އާއި ފެލިވަރުގައި ބާވެފައި ހުރި ވަސީލަތްތައް ޒަމާނީ ވަސީލަތްތަކަށް ބަދަލު ކުރާނެ ކަމަށް ބުންޏެވެ.
ޒަމާނުއްސުރެ ދެކެވެމުން ދާ، ހައްލުވުމެއް ނެތް ވާހަކަ އަކީ މަސް ކިރުމަށް މިހާރު ފެލިވަރިގައި ގާއިމް ކޮށްފައިވާ ކެޕޭސިޓީގެ ވާހަކަ ކަމަށް ވާއިރު، މަސްވެރިކަން ތަރައްގީ ކުރުމުގެ ގޮތުން، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް ބޮޑުކޮށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް އިންވެސްޓް ކުރާނެ ކަންވެސް ރައީސް އިއުލާނު ކުރައްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެލިވަރަށް ކުރެއްވި ދަތުރުފުޅުގައެވެ.
މީގެ އިތުރުން ފެލިވަރުގައި މިހާރު މަސްގަނެ ރައްކާ ކުރުމަށް ބޭނުންކުރާ ކޯލްޑް ސްޓޯރޭޖްގެ ހާލަތު ބައްލަވާލައްވައި، މަސްބަންދުކުރާ ކާރުހާނާގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާއި މިހާރު ބޭނުންކުރާ ކޯލްޑް ސްޓޯރޭޖް ހުރި އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެފައި ކަމަށާއި މި ސްޓޯރޭޖްގެ އައިސް އުފައްދާ މިންވަރަކީ މިހާރަށް އެންމެ އެކަށީގެންވާ މިންވަރެއް ނޫން ކަމުން، އިތުރަށް އައިސް އުފެއްދުމަށް ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރު ކުރުމަށް ވަނީ ބޭނުންވެފައި ކަމަށް ވިދާޅުވެފައެވެ.
ފެލިވަރަށް ކުރެއްވި އެ ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެ ވަގުތު ފެލިވަރު ފަޅުގައި އޮތް މަސް ދޯންޏަކަށް އަރާވަޑައިގެން ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަށް އޮޅުން ފިލުއްވާފައެވެ. އެ ގޮތުން، މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މައުލޫމާތު ރައީސްއާ ހިއްސާ ކޮށްފައެވެ.
މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާކަން ހާމަކުރައްވައި އެ މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ރައީސް މަސްވެރިން ގާތުގައި ވިދާޅުވިއެވެ.