ވެކްސިނެއްގެ އެހީގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް "ހުރަހެއް ގާއިމުވުން" އޮތީ ވަރަށް ދުރުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އިންޒާރު ކޮށްފިއެވެ.

ޑަބްލިއުއެޗްއޯއިން މިފަދަ އިންޒާރެއް ދީފައި މި ވަނީ، ކޮވިޑް-19އިން ދިފާއުވުމަށް ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީކޮށްފައި ވާ ވެކްސިން، އިނގިރޭސިވިލާތުގައި އާންމު އުސޫލުން ދޭން ފެށި ދަނޑިވަޅުގައެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް ވިދާޅުވީ، މި ވަގުތަކީ ހަލުވިކަމާއެކު ވައިރަސް ފެތުރެމުންދާ ވަގުތެއް ކަމަށާ، ވެކްސިނަކީ އެހީތެރިވެދޭނެ ވަސީލަތެއް ކަމަށެވެ. ނަމަވެސް ބަލިމަޑުކަން ފެތުރިގެންދާ މިންވަރު އިތުރު ވިޔަ ނުދޭން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާ، މިއީ އާންމު ސިއްހަތުގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅެއް ކަމަށެވެ.

ވެކްސިނަކީ ބަލިމަޑުކަމުގެ ނިމުން ނޫން ކަމަށް ޑަބްލިއުއެޗްއޯއިން ދަނީ ސިލްސިލާ ގޮތެއްގައި އިންޒާރު ކުރަމުންނެވެ.

ކަންމިހެން އޮތް އިރު ފައިޒާ ކުންފުނިން ވަނީ ވެކްސިން ތައާރަފު ކުރުމުގައި އެއްވެސް ކަމެއް ގުރުބާން ކޮށްފައި ނުވާނެ ކަމުގެ ޔަގީން ކަން ދީފައެވެ. ކޮވިޑް-19ގެ ވެކްސިންވެސް ޓެސްޓު ކޮށްފައި ވާނީ އެހެން ވެކްސިންތައްވެސް ޓެސްޓު ކުރާ ބީދައިން ކަމަށް ފައިޒާ ކުންފުނީގެ ޗީފް އެގްޒެކެޓިވް ވަނީ ވިދާޅުވެފައެވެ.