ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންގެ ޑޯޒްތައް، މުއްސަނދި ގައުމުތަކުން ގަނެއް، އެއްކޮށް، ޖަމާ ކުރަމުން އަންނަ ކަމަށާ، މިއާއެކު ފަގީރު ގައުމުތަކަށް ވެކްސިން ލިބުމުގެ ހައްގުން މަހްރޫމު ވުމާ ދިމާއަށް މިސްރާބު ޖަހާފައި ވާ ކަމަށް، ޕީޕަލްސް ވެކްސިން އެލާޔަންސްއިން އިންޒާރު ކޮށްފިއެވެ.

ޕީޕަލްސް ވެކްސިން އެލާޔަންސްއިން ލަފާ ކުރާ ގޮތުގައި، ދަށް ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ ތެރެއިން 70 ޕަސެންޓް ގައުމުގައި، ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދެވޭނީ ކޮންމެ 10 މީހަކުން 1 އަށެވެ.

މިއީ ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ އޮކްސްފޯޑާއި އަސްޓްރާޒެނީކާގެ ވެކްސިންގެ 64 ޕަސެންޓަކީ، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ހާއްސަ ކުރާނެ ޑޯޒްތަކެއް ކަމަށް ބުނެފައި ވާއިރުވެސް ހާލަތު އޮތް ގޮތެވެ.

ކޮވިޑް-19 އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އަސްޓްރާ ޒެނީކާ

ދުނިޔޭގެ ހުރިހާ ހިސާބަކަށް އިންސާފުން ވެކްސިން ފޯރުކޮށްދނުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަން ފާހަގަ ކުރަންޖެހެއެވެ. އެގޮތުން، ކޮވެކްސް މަޝްރޫއުއިން ވަނީ 700 މިލިއަން ޑޯޒްގެ ވެކްސިން ކަށަވަރު ކޮށްފައެވެ. އެއީ ކޮވެކްސް މަޝްރޫއުގައި ބައިވެރިވެފައިވާ ގައުމުތަކަށް ހާއްސަ ޑޯޒްތަކެކެވެ. މި ޑޯޒްތަކަކީ، ދަށް ފަންތީގެ އާމްދަނީ ލިބޭ 92 ގައުމަކަށް ހާއްސަ ޑޯޒްތަކެކެވެ.

މި ޕްލޭނާ އެކުގައިވެސް ބައިނަލްއަގުވާމީ ފެންވަރުގައި އިންސާފުވެރި އުސޫލަކުން ވެކްސިން ފޯރުކޮށްދިނުމަށް ހާލަތު ތަން ނުދޭ ކަމަށް ޕީޕަލްސް ވެކްސިން އެލާޔަންސްއިން ބުނެއެވެ.މި އިއްތިހާދުގައި ހިމެނޭ ޖަމިއްޔާތަކުގެ ތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލް، އޮކްސްފާމްއާއި ގްލޯބަލް ޖަސްޓިސް ނައު ފާހަގަކުރެވެއެވެ.

ޕީޕަލްސް ވެކްސިން އެލާޔަންސްއިން ވަނީ، ޑޯޒްތައް ކަށަވަރު ކުރުމަށްޓަކައި، ބޭސް އުފައްދާ ކުންފުނިތަކުން ބޭނުން ކުރާ ޓެކްނޮލޮޖީ ހިއްސާ ކުރުމަށްވެސް ގޮވާލާފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ލެބެއްގައި މާސްކެއް ތުރުކުރައްވައިގެން / ފޮޓޯ: ޑެންވާ7

ޕީޕަލްސް ވެކްސިން އެލާޔަންސްގެ މުރާޖާއަށް ބަލާއިރު، މުއްސަނދި ގައުމުތަކުން މިހާރު ވަނީ 3 ބުރެއްގެ މަތިން އެގައުމުތަކުގެ މުޅި އާބާދީއަށް ވެކްސިން ދެވޭ މިންވަރަށް ވެކްސިން ޑޯޒްތައް ގަނެފައެވެ. ވަކި ގައުމަކަށް ބަލާނަމަ، ކެނެޑާގެ ކޮންމެ ރައްޔިތަކަށް 5 ފަހަރެއްގެ މަތިން ވެކްސިން ދެވޭ ވަރަށް އެގައުމުން ވަނީ ވެކްސިނަށް އޯޑަރު ދީފައެވެ.

ކަންމިހެން އޮތް އިރު ފާހަގަ ކުރަން ޖެހޭ ކަމަކީ، މުއްސަނދި ގައުމުތައް ހިއްސާކުރަނީ ދުނިޔޭގެ ޖުމުލަ އާބާދީގެ އެންމެ 14 މީހުން ކަމެވެ. ނަމަވެސް، މިހާތަނަށް އެންމެ ކާމިޔާބު ކަމަށް ވަކާލާތު ކުރަމުން އަންނަ ކޮވިޑް-19 ވެކްސިންތަކުގެ 53 ޕަސެންޓް ޑޯޒް ގަނެފައި ވަނީ މި ގައުމުތަކުންނެވެ.

އޮކްސްފާމްގެ ހެލްތު ޕޮލިސީ މެނޭޖަރު އެނާ މެރިއަޓް ވިދާޅުވީ، އެއްވެސް މީހަކީ، އެމީހާ ނިސްބަތްވާ ގައުމުގެ ސަބަބުން، ނުވަތަ ޖީބުގައި ހުރި ފައިސާ ކޮޅެއްގެ މިންވަރަށް ބަލާ، ފުރާނަ ސަލާމަތް ކޮށްދިނުމުގެ ފުރުސަތު އޮތް ވެކްސިނަކުން މަހްރޫމު ކުރެވިގެން ވާނެ މީހެއް ނޫން ކަމަށެވެ.

ބޮޑު ބަދަލެއް ގެނެސް ގެން މެނުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބިލިއަން ބަޔަކަށް، ގިނަ އަހަރުތަކަކަށް ކޮވިޑް-19ގެ ވެކްސިން ނުލިބޭނެ ކަމަށްވެސް އޭނާ ވަނީ އިންޒާރު ކުރައްވާފައެވެ.

ޗައިނާގެ ވެރިރަށް ބެއިޖީންގްގެ ލެބެއްގައި ކޮވިޑް-19އަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރަނީ/ފޮޓޯ: ނިކޮލައި އަސްފޫރީ

ޕީޕަލްސް ވެކްސިން އެލާޔަންސްއިން ވަނީ ފާމަސޫޓިކަލް ކުންފުނިތަކުން ކޮވިޑް-19ގެ ވެކްސިން ތަރައްގީ ކުރުމަށް ބޭނުން ކުރާ ޓެކްނޮލިޖީ އާންމު ކުރުމަށް ގޮވާލާފައެވެ. އަދި ފިކުރީ މުދަލުގެ ހައިސިއްޔަތުން ވެކްސިނާ ގުޅިފައިވާ ކަންކަން ހާމަ ކުރުމަށްވެސް ގޮވާލާފައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކޮވިޑް-19 ޓެކްނޮލޮޖީ އެކްސެސް ޕޫލްގެ ތެރެއިން ކުރެވޭނެ ކަމެއް ކަމަށްވެސް ޕީޕަލްސް ވެކްސިން އެލާޔަންސްއިން ބުނެއެވެ.

އަސްޓްރާޒެނީކާއިން ވަނީ ކޮވިޑް-19ގެ ވެކްސިނާ ބެހޭ މައުލޫމާތު، ވިޔަފާރީގެ ފައިދާ ހާސިލު ނުކުރަނިވި އުސޫލަކުން ބޭނުން ކުރުމަށް ޝަރުތު ކުރާ އުސޫލެއްގެ ދަށުން ހިއްސާކުރާނެ ކަމަށް އިޝާރާތް ކޮށްފައެވެ. މި ވެކްސިނަކީ މިހާތަނަށް އެންމެ ކާމިޔާބު ކަމަށް ބުނާ ވެކްސިންތަކާ އަޅާ ބަލާއިރު، އަގުގެ ގޮތުންވެސް ހެޔޮ ވެކްސިނެކެވެ.