ޓެކްސް އެޕީލް ޓްރެބިއުނަލްގެ ހުސްވެފައިވާ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ ޓެކްސް އެޕީލް ޓްރެބިއުނަލްގެ ގާނޫނީ ދާއިރާގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ މަގަމަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީހުންނެވެ.

ރައީސް އޮފީހުން ބުނީ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށެވެ.

ޓެކްސް އެޕީލް ޓްރެބިއުނަލް އަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.

ޓްރެބިއުނަލް އެކުލެވިގެންވާ ގޮތް ޓްރެބިއުނަލް އެކުލެވިގެންވަނީ 5 މެމްބަރުންގެ މައްޗަށެވެ. ޓްރެބިއުނަލް އަށް މެމްބަރުން އައްޔަން ކުރަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންގެ ރުހުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.