މާލެ ސަރަހައްދުގައި ހުރި ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތައް ހުޅުވުމުގެ ހުއްދަ މި މަހުގެ 14 ވަނަ ދުވަހު ދޭން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ މި މަހުގެ 14 ވަނަ ދުވަހު ދޭން ނިންމާފައިވާ ކަމަށާއި ގެސްޓްހައުސްތަކާއި ހޮޓާ ތަކަށް އަންނަ ފަތުރުވެރިން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށައަޅަން ޖެހޭނެ ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމްގެ ދާއިރާ މެދުކަނޑާލިއެވެ. ނަމަވެސް އަލުން ބޯޑަރު ހުޅުވާ ފަތުރުވެރި ކަމަށް ރާއްޖެ ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
އެއަށް ފަހު މިދިޔަ އޮކްޓޯބަރު 15 ވަނަ ދުވަހު މާލެ ސަރަހައްދުގައި ހުރި ގެސްޓްހައުސް ތައް ފިޔަވައި އެހެން ގެސްޓްހައުސްތައް އޮޕަރޭޓް ކުރަން ހުއްދަ ވަނީ ދީފައެވެ.
މާލެ ސިޓީގައި ގެސްޓްހައުސްތައް ހުޅުވުމަށް ހުއްދަ ދީފައި ނުވަނީ މާލެ ސިޓީގައި ކޮވިޑްގެ ޓްރާސްމިޝަނެއް އޮތުމުގެ ސަބަބުންނެވެ. މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގައި މީހުން ޕޮޒިޓިވްވާ މިންވަރު ފަސް ޕަސެންޓަށް ވުރެ ދަށްވެއްޖެ ނަމަ ގެސްޓްހައުސްތައް ހުޅުވުމުގެ ފުރުސަތު ދެއްވިދާނެ ކަމަށެވެ. އަދި ހުއްދަ ދެއްވޭނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ކަމަށް މިނިސްޓަރު އޭރު ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. އަދި ބަލި ކޮންޓްރޯލް ކުރެވެމުންދާތީ ފިޔަވަޅުތަކަށްވެސް ސަރުކާރުން ދަނީ ލުއިތައް ދެމުންނެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ އަޕްޑޭޓްތަކަށް ބަލާއިރު، 136 ރިސޯޓެއް ހުޅުވާ، ވަނީ ހިންގަން ފަށާފައެވެ. ޔޮޓް މެރީނާ ރިސޯޓުގެ ގޮތުގައި 2 ރަށެއް ހިންގަމުން ދާއިރު 5 ރަށެއްގައި ވަނީ ޓޫރިސްޓް ހޮޓާ ހުޅުވާފައެވެ. ޓޫރިސްޓް ވެސަލްސް ގެ ގޮތުގައި 124 އުޅަނދު އޮޕަރޭޓް ކުރަމުން ދާއިރު 135 ގެސްޓްހައުސް މިހާތަނަށް ވަނީ ހުޅުވާފައެވެ.