މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ވަނީ ދިވެހިރާއްޖޭގެ އިޖުތިމާއީ ގިނަ މައްސަލަތަކާ ގުޅިފައި ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޔޫއެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްއާއި ޔުނައިޓެޑްނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަދި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ "ޕްލޭސްހޯލްޑާ ފޯ މޯލްޑިވްސް މެޑިކޭޝަން އެސިސްޓެޑް ޓްރީޓްމަންޓް (އެމްއޭޓީ) ބްރީފިން" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހޭ މީހުންނާއި ކުޑަކުދިންގެ އަދަދު ވެސް އިތުރުވަމުން ދާކަމަށެވެ.

އެގޮތުން އެ މައްސަލަ ހައްލުކުރުމަށް މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައި ވާ ކަމަށާއި، އަދި އެ ކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެ ފަދަ ފަރާތްތަކަށް ބޭނުންވާ ފަރުވާދީ، ރިހެބިލިޓޭޝަނާއި ރީއިންޓަގްރޭޝަންގެ ތެރެއިން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެން ހުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާގެ ތެރެއިން ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދިން ކަމަށާއި، އެ ގޮތުން އެ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވުނު ބަޔަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ކަމަށް ވިދާޅުވިއެވެ.

އެ ގޮތުން އެ މީހުންނަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހިކަމާއި، އަވަސް ފަރުވާގެ ތެރެއިން މެޑިކަލް ޑިޓޮކްސިފިކޭޝަން ދިން ކަމަށް މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވިއެވެ.

އަދި އެ މަސައްކަތުގައި މަސްތުވާތަކެތި ބޭނުން ކުރާ ޖުމްލަ 400 އެއްހާ ފަރާތަށް ހިދުމަތް ދިނުމުގައި އެންޑީއޭއިން ހަރަކާތްތެރިވި ކަމަށާއި، އެ މަސައްކަތުން ވެސް އެނގިގެން ދިޔައީ އެކަން ހައްލު ކުރުމަށް އިސްލާހު ކުރަންޖެ ހޭ ގިނަ ކަންކަން ހުރިކަން ކަމަށް މިނިސްޓްރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަން ހައްލު ކުރުމަށް ގެންގުޅޭ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ވަނީ ޖެހިފައި ކަމަށާއި އެގޮތުން "އެވިޑެންސް ބޭސްޑް"، "ނީޑް ބޭސްޑް" އަދި "ކޮމިއުނިޓީ ބޭސްޑް އިންޓަވެންޝަން" ޕްރޮގްރާމް ތަކުގެ މައްޗަށް ވާހަކައިގައި އަލިއަޅުވައިލެއްވިއެވެ.