ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި 15 ބިލެއް ފާސްކުރުމަށްފަހު ރައްޔިތުންގެ މަޖިލިސް އަހަރީ ޗުއްޓީއަށް ހިނގައްޖެއެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ މިއަދު ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ނިމިގެންމިދިޔަ މިއަހަރުގެ ތިން ވަނަ ދައުރުގައި ރައްޔިތުންގެ މަޖިލީހުން ޖުމްލަ 15 ބިލެއް ފާސްކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން މިއަހަރުގެ ތިން ވަނަ ދައުރުގައި ބޭއްވި 28 ޖަލްސާއަށް 89 ގަޑިއިރު މެންބަރުން ހޭދަކުރެއްވިކަމަށާއި، ކޮމިޓީ މަސައްކަތަށް 330 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.
މި ދައުރުގެ ތެރޭގައި މަޖިލީހުގެ ރިޔާސަތުން ހުށައެޅި 8 މައްސަލަ ނިންމާފައިވާއިރު، ސަރުކާރުން ހުށައެޅި 8 މައްސަލަ މަޖިލީހުން ނިންމާފައިވާ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އަދި އެހެނިހެން މައްސަލަތަކާއި ގުޅޭ 14 ކަމެއް މެންބަރުން ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން މި ދައުރުގައި ސަރުކާރުގެ އެކި ވަޒީރުންނާ ޖުމްލަ 17 ސުވާލެއް ކޮށްފައިވާ ކަން ވެސް އީވާ ވަނީ ފާހަގަކުރައްވާފައެވެ.
މި ދައުރުގައި ފާސްކުރި މުހިއްމު ބިލުތަކުގެ ތެރޭގައި ތައުލީމުގެ ބިލާއި ރޭ ފާސްކުރި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި މިއަދު ފާސްކުރި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބަދަލު ގެނައި ބިލު އަދި އިންތިގާލި އިންސާފުގެ ބިލު ހިމެނޭ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.
އީވާ ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުން ކުރި މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންކަމާ ބެހޭގޮތުން ކޮމިޓީތަކުން ކުރި މަސައްކަތްތައް ފާހަގަކުރެވޭ ކަމަށާއި އެކަންކަން ތަހުގީގުކުރުމަށް ގޮވާލާ ކުރި މަސައްކަތްތައް ފާހަގަކުރެވޭ ކަމަށެވެ.