ދިވެހިރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގައި ބޭރުގެ ފަރާތްތަކަށް އިންޓާންޝިޕް ފުރިހަމަކުރުމަށް ސްޕެޝަލް ވިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދާފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އިންޓާންޝިޕް ފުރިހަމަކުރުމަށް ސްޕެޝަލް ވިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހަދާފައިވާ އުސޫލަށް ބަދަލު ގެނެވި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް ސާކިއުލާ ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން ގެނެވުނު ބަދަލުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިން ބިނާކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިންޓާނުންގެ ގޮތުގައި ބިދޭސީ ދަރިވަރުން ގެނައުމަށް ނޯ އޮބްޖެކްޝަން ދިނުމުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ފުރުސަތުދޭ ކޮންމެ ބިދޭސީ އިންޓާންއަކަށް ދެ ދިވެހި ދަރިވަރުން ތަމްރީނުކުރުން ހިމެނެއެވެ.
އޭގެ އިތުރުން ބިދޭސީ އިންޓާންއަށް ފުރުސަތު ދިން މުއްދަތަށްވުރެ ކުރުނޫން ނުވަތަ އެ ކުއްޖަކު ކިޔަވާތަނަކުން ބުނެފައިވާ މުއްދަތަށް އިންޓަންޝިޕްގެ ފުރުސަތުދޭން ޖެހޭގޮތަށް އެ އުސޫލަށް ވަނީ ބަދަލުގެނެވިފައެވެ.
އެކަން ކަށަވަރުކުރުމުގެ ގޮތުން ބިދޭސީ ދަރިވަރުގެ ވިސާ ދޫކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ދޫކުރާ ނޯ އޮބްޖެކްޝަން ލެޓާ ހޯދުމަށް އެދި މިނިސްޓްރީ އަށް ހުށަހަޅާއިރު ދެ ދިވެހި ދަރިވަރުންގެ އިންޓާންޝިޕާއިގުޅޭ އެއްބަސްވުން ހުށަހަޅަން ލާޒިމުކޮށްފައިވެއެވެ.
އެ އުސޫލަކީ ދުނިޔޭގެ އެކިއެކި ކިޔަވާދޭ މަރުކަޒުތަކުން އެފަރާތްތަކުގެ ދަރިވަރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި އެކި ދާއިރާތަކުން މަސައްކަތްތަކުގެ ތަޖުރިބާ ހޯދުމަށްޓަކައި އިންޓާނުންގެ ގޮތުގައި މަސައްކަތްކުރުމަށާއި އަދި ރިސާޗް ސްޓަޑީ ހެދުމަށް ބިދޭސީ ދަރުވަރުން އިންޓާނުންގެ ގޮތުގައި ފޮނުވުމަށް އެދޭތީ ސަރުކާރުން އަމަލުކުރުމަށް އެކުލަވާލާފައިވާ ސްޕެޝަލް ވިސާ ދޫކުރުމުގެ އުސޫލެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.