ކ. މާފުށީގައި މަސްތުގެ ހާލުގައި ހުރެ އާންމުން އުޅޭ ސަރަހައްދަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅުނު އަންހެން ފަތުރުވެރިޔާ ފުލުހުން ހައްޔަރު ކުރުމުގައި ގޯހެއް ހަދާފައި ނުވާ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއިން ނިންމައިފިއެވެ.

ސަލާމަތީ ހިދުމަތްތަކުގެ މައްސަލަތައް ބަލާ ކޮމެޓީން އެ މައްސަލަ ބަލައި ނިންމި ރިޕޯޓުގައި ބުނެފައި ވަނީ ނިވާކަން ކުޑަކޮށް އަންހެން ފަތުރުވެރިޔަކު އުޅޭކަމުގެ ޝަކުވާ ލިބުމުން ފުލުހުން އެތަނަށް ގޮސް އޭނާގެ ހަށިގަނޑު ނިވާކުރުމަށް ތަކުރާރުކޮށް ނަސޭހަތްދިން ކަމަށެވެ. ނަމަވެސް ފަތުރުވެރިޔާ އެކަމަށް އިންކާރުކޮށް، އެތަނަށް ދިޔަ ފުލުހުންގެ ތެރެއިން ފުލުހެއްގެ އައިނު އަތުލައި، ކުލަ ހެދުމުގައި ހުރި ފުލުހެއްގެ ފުލުހެއްކަން އަންގައިދޭ ކާޑު ދަމައިގަތުމަށް މަސައްކަތް ކުރުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން ފުލުހެއްގެ އަތުގައި ދަތް އަޅާފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އަދި ފަތުރުވެރިޔާ ލައިގެން ހުރީ ހެދުމަކީ ރާއްޖޭގެ ޓޫރިސްޓު ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދާ ހިލާފުވާ ހެދުމެއް ކަމަށާއި އެ ފަތުރުވެރިޔާ ހުރި ސަރަހައްދުގައިވެސް އެފަދަ ހެދުން ލައިގެން އުޅުން މަނާކަން އަންގައިދޭ ނިޝާން ހަރުކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ހަމައެއާއެކު އެ ފަތުރުވެރިޔާ ފުލުސް އޮފީހަށް ގެންދިޔައީ ހައްޔަރުކުރުމަށް ނޫން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އަދި އޭނާ ފުލުސް އޮފީހަށް ގެންދިޔައީ އެވަގުތު އެ ހާދިސާ ހިނގި ސަރަހައްދަށް އެއްވެ ތިބި އާންމުންގެ ފަރާތުން ފަތުރުވެރިޔާއަށް އަދި ފަތުރުވެރިޔާގެ ފަރާތުން އާންމުންނަށް ނުވަތަ ފުލުހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

ބިކިނީގައި އުޅުނު ފަތުރުވެރިޔަކު މާފުށިން ހައްޔަރުކުރުން

މި މައްސަލަ ފުލުހުންގެ ޕްރެފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ވެސް ވަނީ ތަހުގީގުކޮށްފައެވެ. އަދި ފަތުރުވެރިޔާ ފުލުހުންގެ މަރުކަޒަށް ގެންދިއުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނީގެ އިމުގެ ތެރެއިން ކަމަށް ވެސް ވަނީ ނިންމާފައެވެ.

ކ. މާފުށީގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ބިކިނީގައި އުޅުނު ފަތުރުވެރިއަކަށް ނަސޭހަތް ދިނުމަށްފަހު އޭނާ ހައްޔަރުކުރި މައްސަލަ ފެންމަތިވެފައި ވަނީ މި އަހަރު ކުރީ ކޮޅު ފެބުރުއަރީ މަހު ތެރޭގައެވެ. އާންމުން ދިރިއުޅޭ ހިސާބުތަކުގައި ފަތުރުވެރިން "ބިކިނީ" ގައި އުޅުމަކީ މަނާކަމެކެވެ. ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރި ވެފައިވަނީ އަންހެން ފުލުހުން އެ ރަށުގައި ނެތުމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭރު ކަން ހިނގި ގޮތަށް ސީޕީ މުހައްމަދު ހަމީދު ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށާއި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް، ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯ އޭރު ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު ބޭރު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް އެ މައްސަލަ ވަނީ އައިސްފައެވެ.