ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ލީޑާޝިޕުން ފުރުސަތުގެ ބޭނުން ހިފައި ފުލުހުންނާ އޮތް ޒާތީ ނަފްރަތު ދައްކައި ފުލުހުން ނިކަމެތިކޮށްލަނީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މަގާމުގައި ތިއްބަވާ އިސް އޮފިސަރުން ވަކި ކުރެވޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކުރުމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ، އެމްޑީޕީގެ ލީޑާޝިޕްގައި އެއްވެސް ބަޔަކަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ. ފުލުހުންގެ ގާނޫނުގެ އިސްލާހްތައް ގާނޫނު އަސާސީއާ ފުށުއަރާ ކަމަށާއި ފުލުހުންނަށް އޮތް ޒާތީ ނަފްރަތުކަމަށް، ފުރުސަތުގެ ބޭނުންކޮށް ފުލުހުން ނިކަމެތިކޮށް ލަދުގަންނަވާލަނީ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުން ފުލުހުންގެ ހައްގު ގެއްލުވާލާފައިވާ ކަމަށާއި އެ ހައްގު ހޯދައިދޭންނަން ކަމަށް ޖަމީލް ވިދާޅުވިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ހުށަހެޅި އިތުރު އިސްލާހުތަކަކާއެކު އެ ބިލުވަނީ ރޭ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައެވެ. އެ ބިލު ފާސްކޮށްފައި ވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލުގައި ވަނީ ފުލުހުންގެ ތެރޭގައި ނުވަތަ ފުލުހުން އެހެން ބަޔަކާ ބައިވެރިވެގެން ބަޢާވާތް ކޮށްފި ނަމަ، ނުވަތަ ބަޢާވާތެއް ކުރަން އުޅެފި ނަމަވެސް އެއީ ކުށެއް ކަމަށެވެ. އަދި އެފަދަ ކަމެއް ކުރަން ރޭވުން، އެފަދަ ކަމަކަށް ހިތްވަރުދިނުން، އެހެން ބަޔަަކު ކުރާކަން ނުވަތަ ކުރަން ރާވާކަން އެނގިހުރެ އެކަން ސިއްރު ކުރުމަކީވެސް ކުށެއް ކަމަށް ބިލުގައި ބުނެފައިވެއެވެ.
ހަމައެއާއެކު އެ ބިލުގައި ފުލުހަކު ވަޒީފާއިން ފިލައިގެން ހިނގައްޖެ ނަމަ ނުވަތަ ދާން އުޅެފިނަމަ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައި ވެއެވެ. އެގޮތުން، ފުލުހަކު ވަޒީފާއިން ފިލިކަމަށް ބެލޭނެ ހާލަތްތަކެއް ބަޔާން ކޮށްފައި ވާއިރު، މީގެ ތެރޭގައި، ހުއްދަ ނެތި ޑިޔުޓީ ދޫކޮށް ދިއުމާއި، ހުއްދަ ނުހޯދައި 14 ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުން ހިމެނެއެވެ. އަދި ފުލުހުންގެ މުއައްސަސާ އޮޕަރޭޝަނަލް ހާލަތަށް ގެނެވިފައި ވަނިކޮށް، ވެރިއެއްގެ އަމުރާ ހިލާފަށް ވަޒީފާއަށް ނުނުކުމެ ހުރުމާއި، ބަޔަކާ ކުރިމަތިލާން ޖެހޭ ހާލަތެއްގައި އެކަން އެނގި ހުރެ ފިލުމާއި އަޅާނުލުން ވެސް އެ މާއްދާގެ ތެރޭގައި ވަނީ ހިމަނާފައެވެ.
މީގެ އިތުރުން އޮފިސަރަކާ ދެކޮޅަށް ޕޮލިސް ބޯޑަށް ކުރެވޭ ތުހުމަތުތައް މަދަނީ މިންގަނޑަކުން ސާބިތުވާ ނަމަ އަދި އެ އޮފިސަރަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނެތް ބޭފުޅެއް ކަމަށް ބޯޑަށް ފެންނަ ނަމަ، އެބޭފުޅަކު ވަޒީފާއިން ވަކިކުރަން ބޯޑަށް ނިންމިދާނެ ކަމަށް ވެސް އެބިލުގައި ހިމެނެއެވެ. އަދި މާލީ ބަޔާންތައް ހުށަހަޅަން ޖެހުމާއި، ނަޒާހާރްތެރިކަމާ ގުޅޭ ކަންކަން ބެލުމާއި، ތުހުމަތުވާ ކަމެއް އޮތް ނަމަވެސް އެކަމެއްގައި އެ އޮފިސަރަކު ވަކި ކުރަން ބޯޑުން ނިންމާ ކޮމީޝަނަރަށް ހުށަހެޅި ދާނެ ކަަމަށް އެ ބިލުގައި ހިމެނެއެވެ. އަދި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު، ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ވެއެވެ.
ފުލުހުންގެ ގާނޫނު އިސްލާހު ކުރަން އުޅެނީ، ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވެރިކަން ވައްޓާލާފައި ވާ ކަމަށް މިހާރު ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕަޓީ އެމްޑީޕީން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ފުލުހުންގެ ބިލުގެ އެންމެ ބޮޑު އެއް އަމާޒަކީ އެމްޑީޕީން ބުނާ، ފެބްރުއަރީ 7ގެ ބަޣާވާތުގައި ބައިވެރި ވި އޮފިސަރުން ވަޒީފާއިން ވަކިކުރުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޖަމީލް ކޮން އަގައެއްތިތަޅަނީ... ނާއިބުރައީސްކަންކޮށްފީމެއްނު. ތީ އަގަތެޅޭވަރުގެ މީހެއްނޫން. އުރައްޕެއް ހުރިނަމަ ވަރިކުރިފުޅު ފަހަތަކުން ނުދުވާނެ.