ނިމިދިޔަ ހަފުތާ ބަންދުގައި، އިންޑިއާގައި، ކުއްލި ގޮތަކަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާތީ، އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ހަފުތާ ބަންދު ތެރޭގައި އެކަނިވެސް 140 މީހަކު ވަނީ ގޮތް ނޭނގޭ ބަލިމަޑުކަމެއްގައި އެޑްމިޓްކޮށްފައެވެ. މި ޕޭޝަންޓުން ނިސްބަތް ވަނީ އަންދްރަޕްރަދޭޝްގެ އެލޫރޫއޭ ކިއުނު ސަރަހައްދަށެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު ޕޭޝަންޓުންގެ ހަށިގަނޑުން ފެނުނު އަލާމާތްތަކުގެ ތެރޭގައި މޭ ނުބައި ކުރުމާއި، ފިޓު ޖެހުމާއި ހެއަށް ގޮތް ވުން ފަދަ އަލާމާތްތައް ހިމެނޭ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

އިތުރު މީހުންނަށް ފަރުވާ ދޭން ޖެހިދާނެ ކަމަށްޓަކައި، އެލޫރޫ ގަވަމަންޓް ހޮސްޕިޓަލުން އިތުރު އެނދުތަކެއްވެސް ވަނީ ހުސްކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށްވެސް އިންޑިއާއިން ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެކެވެ. ހަފުތާ ބަންދުގައި ފާހަގަވާން ފެށި ގޮތް ނޭނގޭ ބަލިމަޑުކަމުގެ އަލާމާތްތަކާއެކު އެޑްމިޓް ކުރި ހުރިހާ ޕޭޝަންޓުން ކޮވިޑް-19 ޓެސްޓުކޮށްފައިވެއެވެ. އަދި މި ހުރިހާ ޕޭޝަންޓުންގެ ނަތީޖާވެސް، ކޮވިޑް-19 އަށް ނެގެޓިވް ކަމަށް ހަބަރު ލިބެއެވެ.

އަންދްރަޕްރަދޭޝްގެ ސިއްހަތާ ބެހޭ ވަޒީރު އައްލާ ކާލީ ކްރިޝްނާ ސްރީނިވާސް ވިދާޅުވީ، ޕޭޝަންޓުންގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލްއިން އެއްވެސް ކަހަލަ އިންފެކްޝަނެއްގެ އަސަރުވެސް ފެނިފައި ނުވާ ކަމަށެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، މިއީ ފެން ތަގައްޔަރު ވުން ފަދަ ކަމަކުން މެދުވެރިވި ހާލަތެއްތޯ ބަލާ، އެއީ އެފަދަ ކަމެއް ނޫން ކަމަށް ނިންމާފައެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު ބައެއް މީހުން މިހާރު ދޫކޮށްލާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.