މާލޭ ސަރަހައްދުގައި ކޮވިޑް ބައްޔަށް މީހުން ހުށަހެޅިފައި ވާ މިންވަރާއި ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކުރި ސީރޯޕްރިވެލަންސް ސާވޭގެ ނަތީޖާ ދައްކާ ގޮތުން މާލޭގެ އާބާދީގެ ތެރެއިން 38000 މީހުން ކޮވިޑަށް ހުށަހެޅިފައި ވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޑިރެކްޓާ އޮފް ރިސާޗް ޑރ. ރަހީމާ އަބްދުލް ރަހީމް ވިދާޅުވެއްޖެއެވެ.

މިހާރު އެޗްއީއޯސީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ރަހީމާ ވިދާޅުވީ، މާލޭގެ އާބާދީއަކީ 208،000 މީހުން ކަމަށް ވާ ނަމަ ކޮވިޑަށް ހުށަހެޅިފައި ވަނީ 38،000 މީހުން ކަމަށެވެ.

އެންޓިބޮޑީސްގެ ނަތީޖާ ދައްކާގޮތުގެ ގްރާފް

ސީރޯޕްރިވެލަންސް ސްޓަޑީސްގެ އެންޓި ބޮޑީސް ނަތީޖާ ދައްކާގޮތުގައި ޓެސްޓު ހެދި މީހުންގެ ތެރެއިން 13.4 މީހުން (38 ހާސް މީހުން) ވަނީ ކޮވިޑަށް ހުށަހެޅިފައި ކަމަށާއި 86.6 ޕަސެންޓް މީހުން ކޮވިޑަށް ހުށަހެޅިފައި ނުވާކަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ. އެ ނަތީޖާއަށް ރިއާއަތް ކުރައްވާ ޑރ. ރަހީމާ ވިދާޅުވީ އަދިވެސް ކޮވިޑުން ރައްކާތެރި ވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އެހެންކަމުން އަތް ދޮވުމާއި މާސްކް އެޅުމާއި ގައިދުރުކުރުން ފަދަ ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޓިބޮޑީސްގެ ނަތީޖާ ދައްކާގޮތުގެ ގްރާފް

އެންޓި ބޮޑީސް ޓެސްޓުގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ކޮންމެ 3 މީހަކުން އެކަކު ވަނީ ކޮވިޑަށް ހުށަހެޅިފައި ކަމަށާއި ދިވެހިންގެ ތެރެއިން ކޮންމެ 11 މީހަކުން އެކަކު ވަނީ ކޮވިޑަށް ހުށަހެޅިފައި ކަަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ. އެ ގޮތުން މި ސާވޭގައި ބައިވެރިވި ބިދޭސީންގް ތެރެއިން 36.4 ޕަސެންޓް ބިދޭސީންގެ ނަތީޖާއިން އެންޓިބޮޑީސް ފެނިފައިވާ ކަމަށާއި ދިވެހިންގެ ތެރެއިން 8.5 ޕަސެންޓް މީހުންގެ ނަތީޖާއިން އެންޓިބޮޑީސް ފެނިފައިވާ ކަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ.

މި ސާވޭގައި ކުރިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 57.9 މީހުންގެ އެންޓިބޮޑީސް ހުރި ކަމަށާއި 42.1 ޕަސެންޓް މީހުންގެ އެންޓިބޮޑީސް ނެތް ކަަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ. އަދި ކުރިން ކޮވިޑް ޖެހިފައި ނުވާ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންގެ ނަތީޖާއިން އެންޓިބޮޑީސް ހުރި ކަމަށާއި 90 ޕަސެންޓް މީހުންގެ ނަތީޖާއިން އެންޓިބޮޑީސް ނެތް ކަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ. އަދި މީގެ މާނައަކީ ނޭނގި 10 ޕަސެންޓް މީހުން ކޮވިޑަށް ހުށަހެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް19 ސީރޯސާވޭލަންސް ދިރާސާ ބޭނުމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑް ވައިރަސް އަށް ހުށައެޅިފައިވާ މިންވަރު ބަލައި، މާލޭ ސަރަހައްދުގައި މި ބަލި ފެތުރިފައިވާ މިންވަރު ބެލުމެވެ. މި ދިރާސާއަށް މީހުން ހޮވާފައި ވަނީ މާލޭ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން ގުރުއަތުން ހޮވި 4098 ބައިވެރިންނެވެ. އަދި ދިރާސާއަށް ބައިވެރިން ގުރުއަތުން ހޮވާފައި ވަނީ އެކި އުމުރު ފުރާތަކުންނެވެ.

އެގޮތުން އުމުރު ފުރާތައް ބަހާލާފައި ވަނީ 4 ބަޔަކަށެވެ. އެންމެ ހަގު އުމުރު ފުރާއަކަށް ބަލަނީ އުމުރުން 17 އަހަރުން ދަށުގެ ބައެވެ. އެ ބައިން 936 ބައިވެރިންގެ ގހޮވުމަށް ހަމަޖެހިފައެވެ. ދެން ހިމެނެނީ އުމުރުން 18 އަހަރާއި 34 އަހަރާ ދެމދުގެ ބައެވެ. އެ ބައިން 1730 ބައިވެރިން ހޮވައެވެ. އެއަށްފަހު އުމުރުން 35 އަހަރާއި 59 އަހަރާ ދެމެދުގެ ބައިން 1232 މީހުން ހޮވައެވެ. އެންމެ ފަހު އުމުރުފުރާ އަކީ 60 އަހަރުން މަތީގެ އުމުރު ފުރައެވެ. އެ ބައިން 200 މީހުން ހޮވައެވެ.