ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިނަށް އޮތް ޑިމާންޑް އިންތިހާއަށް އިތުރު ވަމުން ދިއުމާއެކު ތެލުގެ ވިޔަފާރީގެ އެންމެ ބޮޑު ބާޒާރުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އޭޝިއާ ބައްރަށް ތެޔޮ ވިއްކާ އަގު އުފުލުމަށް، ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

ސައުދީއިން އޭޝިއާ ގައުމުތަކަށް ތެޔޮ ވިއްކާ އަގު ބޮޑު ކޮށްފައި ވަނީ، ފާއިތުވީ 8 މަހެއްހާ ދުވަހުގެ ތެރޭގައިވެސް އަގުތައް އުފުލިފައި ނުވާހާ މަތީ މިންވަރަކަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިއީ ފާއިތުވީ 5 މަސް ދުވަހުގެ ތެރޭގައި، އެންމެ ބޮޑު ތަނުން ތެލުގެ އަގު އުފުލި ފަހަރުވެސްމެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ތެލަށް އޮތް ޑިމާންޑް އިންތިހާއަށް ދަށް ވާން ފެށުމުން، ސައުދީއިން ވަނީ ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ޑިސެމްބަރު މަހުވެސް ތެލުގެ އަގުތައް ހެޔޮ ކޮށްފައެވެ. ނަމަވެސް، ވެކްސިނަކާއެކު އުއްމީދު ވަނީ އާވާން ފަށާފައެވެ.

ސައުދީއިން ތެލުގެ އަގު އުފުލި ގޮތަށް ބަލާއިރު، ސައުދީ އަރާމްކޯއިން ވަނީ އަރަބް ލައިޓް ކްރޫޑް ފީފާއަކުން 80 ސެންޓް ބޮޑުކޮށްފައެވެ. އަދިވެސް 65 ސެންޓް ބޮޑު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާއަކުންވެސް 2.2 ޕަސެންޓް އަގު އުފުލިފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އިނގިރޭސިވިލާތުން ވިއްކާ ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 49.25 ޑޮލަރަށް އަރާފައެވެ. މިއީ މާޗް މަހަށް ފަހު މިއަދަދު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.