މޯލްޑިވް ގޭހުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ދެ މަސްދުވަހުގެ ތެރޭގައި ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިސަސް (އެސްއޯއީ) ކޮމެޓީއަށް ފޮނުވުމަށް އޭސީސީގައި އެދުމަށް ނިންމައިފައެވެ.
އެސްއޯއީ ކޮމެޓީން އެގޮތަށް ނިންމާފައިވަނީ މޯލްޑިވް ގޭހުގެ ކޮރަޕްޝަނުގެ މައްސަލަ އޭސީސީން ތަހުގީގު ކުރަމުންދިއުމުގައި މާބޮޑަށް ލަސްވަމުންދާތީ، އެކަމުގެ ކަންބޮޑުވުން އެކޮމެޓީގެ މެމްބަރުން ފާޅު ކުރުމާ ގުޅިގެންނެވެ. އެ މައްސަލަ އެސްއޯއީ ކޮމިޓީން ބަލާތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އެސްއޯއީ ކޮމިޓީން ބަލަމުން އައި މައްސަލަ ނިންމައި މިހާރު ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. އެ ރިޕޯޓްގައި ވާ ގޮތުން މައްސަލަ ދިރާސާ ކުރުމުގައި މައިގަނޑު ހަތަރު ކަމެއް ކޮމިޓީން ފާހަގަކޮށްފައިއެވެ.
އެގޮތުން ރިޕޯޓުގައިވާ ގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެ ކުންފުނިން ވިއްކަން ގެންނަ ގޭހުގެ އަގު ބޮޑުވުމުވެ.
އެގޮތުން ކޮންމެ ޝިޕްމެންޓަކުން އެވްރެޖްކޮށް 45 - 60 ޕަސެންޓް ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ވަނީ ހިމަނާފައިވާއިރު 2016 އާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގު ދަށްވެފައިވާއިރު މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު 65 - 99 ޕަސެންޓް ބޮޑުކޮށްފައިވާ ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޭގެ އިތުރުން ހަމަ އެއަހަރުގެ ތެރޭގައި ގޭހުގެ ޕްރިމިއަމް އަގު ކޮންމެ ޓަނަކަށް 250-285 ޑޮލަރުގައި ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުގައިވާ ގޮތުން މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލިފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ވަނީ ހެޔޮވެފައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވް ގޭހުގެ ކޮންމެ ޝިޕްމަންޓަކަށް އެވްރެޖުކޮށް 130،000 ޑޮލަރު އިތުރުކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވަނީ ސަސްޕެންޑް ކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން ޝަޒައިލް ވަނީ އެ ކުންފުނީގެ މަސައްކަތްތައް ބެލެހެއްޓުމުގައި އިހުމާލުވެފައެވެ.