ތުރުކީއިން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ބޭރުގެ އާގުބޯޓެއްގައި އޮތް ބަލިމީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފުން ބުނީ "މޭސޯރާ" ނަމަކަށް ކިޔާ އެ ކާގޯ ބޯޓްގައި ހުރި އުމުރުން 40 އަހަރުގެ ފިލިޕީންސް ފިރިހެން ފަޅުވެރިއެއްގެ ބޮލަށް ގެއްލުން ލިބިގެން ސިއްހީ އަވަސް ފަރުވާއަށް އެދި އެމްއެންޑީފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ ހަވީރު 17:30 ހާއިރުއެވެ.
ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމަބޭހެ އިދާރާތަކުގެ ހުއްދައާއެކު އެބޯޓް މިއަދު ލ.ގަމު ހުޅަނގު ދެކުނުން 30 ނޯޓިކަލް މޭލަށް ކައިރި ކުރުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ ބަލިމީހާ މިއަދު ހެނދުނު 08:30 ހާއިރު ގަމަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާއަށް މިހާރު ފަރުވާދެމުންދަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކަމަށެވެ. އެ ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ އާގުބޯޓެއް ކަމަށް އެމްއެންޑިއެފުން ވަނީ ބުނެފައެވެ.
ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން ދާދި ފަހުން ތޫފާން "ބުރެވި" ކޮޅިގަނދުގައި ޖެހި މިސްރާބު އޮޅުނު ލަންކާގެ 2 މަސްބޯޓެއް ރާއްޖެއިން ފެނިފައިވާއިރު އެ ދެ ބޯޓަށް އެމްއެންޑީއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްއެންޑީއެފްގެ ނޯތަން އޭރިއާގެ އެހީގައި އެ ދެ ބޯޓު ހދ. ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.