މިދިޔަ ނޮވެމްބަރު މަހު އެވަރެޖްކޮށް ދުވާލަކު 1192 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއަށް ވަނީ 35759 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން އެއީ 66 ޕަސެންޓު އިތުރު އަދަދެއް ކަމަށް ތާފަސް ހިސާބުތަކުން ދައްކައެވެ.

މިދިޔަ މަހު އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 1192 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ސެޕްޓެމްބަރު މަހު ދުވާލެއްގެ މައްޗަށް 218 ފަތުރުވެރިން އަދި އޮކްޓޯބަރު މަހު 694 ފަތުރުވެރިން ދުވާލެއްގެ މައްޗަށް އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު ގިނައިން ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެއީ 8581 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިންނެވެ. އެއީ 7،610 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނައީ އިނގިރޭސިވިލާތުންނެވެ. އެއީ 2903 ފަތުރުވެރިންނެވެ.

ބޯޑަރު ހުޅުވާލި ފަހުން މަހުން މަހަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވެފައިވާ އިރު، ދުވާލަކު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

އެގޮތުން ޖުލައި 15 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް 72،623 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު މިހާތަނަށް 445،470 ފަތުރުވެރިން ވަނީ ރާއްޖެ ވަނީ އައިސްފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށްމިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 126 ރިސޯޓާއި 119 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 123 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް 1340 އޮޕަރޭޓްކުރަން ފަށަން ނިންމާފައިވާއިރު އެއީ ސަފާރީއަކާއި 8 ރިސޯޓެވެ.