ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިނެއް ތައާރަފު ކުރެވުމަކީ ބަލިމަޑުކަމުގެ ނިމުން ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރު ކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، މި ނުރައްކާތެރި ބަލިމަޑުކަމަށް، ހަމައެކަނި ވެކްސިނަކުން ނިމުން ނެތް ކަމަށެވެ. ވެކްސިނެއް ލިބުމަކީ ބަލިމަޑުކަމުގެ ނިމުން ކަމުގައި ކުރެވޭ ހީ އަކީ، ބޮޑުވެގެންވާ ކުށް ހީއެއް ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ އިންޒާރު ކޮށްފައެވެ.

ޑރ ޓެޑްރޯޒް ވިދާޅުވީ، ވެކްސިންގެ ސަބަބުން އުއްމީދު އާ ކޮށްދޭ ކަމަށާ، އަނދިރި ކަމުގެ ތެރެއިން އަލިކަމެއް ފަޅުވާން ފަށާފައި ވާ ކަމަށެވެ. ނަމަވެސް، މިއާއެކު ކޮވިޑް-19ގެ ބަލިމަޑުކަމަށް ނިމުން އައީ ކަމަށް ކުރެވޭ ކުށް ހީއާ މެދު ޑަބްލިއުއެޗްއޯއިން އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: އަސްޓްރާ ޒެނީކާ

ބަލިމަޑުކަން އަދިވެސް އޮތީ ކުރިއަށް ކަމަށާ، އެ ރާސްތާ ކަނޑައަޅާ، ބަލިމަޑުގެ ކަމުގެ ނިންމުން ގެންނާނެ މުއްދަތެއް ކަނޑައަޅާނީ އާންމު ފަރުދުންނާއި ސަރުކާރުތަކުން، ކުރު މުއްދަތުގައި ނިންމާ އުސޫލުތަކެއްގެ ތެރެއިން ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ފަހާގަ ކުރައްވާފައެވެ.

ޑރ ޓެޑްރޯޒް މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، ކޮވިޑް-19އިން ދިފާއުވުމަށް ފައިޒާއާއި ބައޮއެންޓެކް ގުޅިގެން ތަރައްގީ ކުރި ވެކްސިން، އާންމު އުސޫލުން ދޭން ފެށުމަށް އިނގިރޭސިވިލާތުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ދަނޑިވަޅެއްގައެވެ. ކުރިއަށް އޮތް ހަފުތާ ތެރޭގައި އިނގިރޭސިވިލާތުން ވެކްސިން ދޭން ފަށާ ހަބަރު އާންމުވުމާއެކު، އާންމުންގެ މެދުގައި އުއްމީދު ވަނީ އާވެފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ލެބެއްގައި މާސްކެއް ތުރުކުރައްވައިގެން / ފޮޓޯ: ޑެންވާ7

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އަށް ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން 51 ވެކްސިނެއް މިހާރުވެސް އިންސާނުންގެ ހަށިގަނޑުގައި ތަހުލީލު ކުރަމުން އެބަ ދެއެވެ. މީގެ ތެރެއިން 13 ކެންޑިޑޭޓެއް އޮތީ އެންމެ ފަހު މަރުހަލާގައެވެ.

އިތުރު 163 ކެންޑިޑޭޓެއް ލެބޯޓްރީތަކުގައި ތަރައްގީ ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.