ބައިނަލްއަގުވާމީ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް (އެމްޑީއޭ) 30،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލުން ބުނީ އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަޑުއިވުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް 30،000 ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށާއި އެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ކަމަށެވެ.

އަދި އެ ޖަމިއްޔާގެ މެންބަރުންވަނީ ބޭންކުގެ މެއިން ބްރާންޗަށް ޒިޔާރަތްކޮށް ބޭންކުގެ ބައެއް މަސައްކަތް ހިނގާ ގޮތް ބަލައި މުވައްޒަފުންނާއެކު ވަގުތު ހޭދަކޮށްފައެވެ.

ސައިން ލެންގްއޭޖް ޑޭގެ ޓްރެއިން ހަރަކާތުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

އެގޮތުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާ ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ދަސްކޮށްދިނުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.