ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ގެއްލިގެން 72 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ގެއްލިގެން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 72 މައްސަލައެއް އެކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ.
އެގޮތުން ކޮމިޝަނުން ބަލައިފައިވާ މައްސަލަތަކުގެ ތެރޭގައި އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުދިނުމާއި އިހުމާލުގެ މައްސަލަތަކާއި އަދި އާއިލާއިން އެދިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރްސީއެމް އިން ވަނި ބުނެފައެވެ.
އޭގެ އިތުރުން ދައުލަތުގެ ފަރާތުން އިހުމާލުވެފައިވާ މައްސަލަތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބެންވާ މާލީ އެހީތެރިކަން ނުލިބިގެން ހުށަހަޅާފައިވާ މައްސަލަތަކާއި އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ނިޔާވުމުގެ ސަބަބުން ބަލާފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށް އެޗްއާރްސީއެމް އިން ބުނެއެވެ.
އެޗްއާރްސީއެމް އިން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި އެ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް އެ ކޮމިޝަނުން ދައުލަތަށް ހުށަހަޅައިފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ވެސް އިލްތިމާސް އިލްތިމާސްކޮށްފައެވެ.
ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭމާލީ އިނާޔަތަކީ އެފަރާތްތަކަށް ބޭނުންވާ އަސާސީ ކަންކަމަށް އެކަށީގެންވާ މިންވަރަކަށް ނުވާތީ އެފަރާތްތަކަށް މާލީ އިނާޔަތުގެގޮތުގައި ދޭ ފައިސާގެ އަދަދު އިތުރުކުރުމުގެ މުހިއްމުކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވައިލައި ބަލަހައްޓަން ކަނޑައަޅައިފައި އޮތްނަމަވެސް މިހާތަނަށްވެސް މި ދަފްތަރު އެކުލަވައިލައިފައިނުވާތީ ވީހާވެސް އަވަހަކަށް ދަފްތަރު އެކުލަވައިލުމަށް ކަމާގުޅުން ހުރި އިދާރާތަކަށް އެޗްއާރްސީއެމް އިން ވަނީ ގޮވާލާފައެވެ.