ތޫފާން "ބުރެވި" ކޮޅިގަނދުގައި ޖެހި މިސްރާބު އޮޅުނު ލަންކާގެ 2 މަސްބޯޓެއް ރާއްޖެއިން ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ތޫފާން "ބުރެވި" ކޮޅިގަނދުގައި ޖެހި މިސްރާބު އޮޅުނު ލަންކާގެ ދެ މަސްބޯޓެއް ހދ. ކުމުންދޫ ކައިރިން "މޫސުން 7" ދޯންނަށް ފެނިގެން މިއަދު 08:33 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފް ނޯތަން އޭރިއާ އަށް ރިޕޯޓު ކުރުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނި ބުނެފައެވެ.
އެގޮތުން އެމްއެންޑީއެފްގެ ނޯތަން އޭރިއާގެ އެހީގައި އެ ދެ ބޯޓު ހދ. ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ބުރެވީ ތޫފާނުގެ އަސަރުތައް ރާއްޖެއަށް ކުރަމުންދާއިރު ރާއްޖޭގެ ސަރަހައްދުތަކުގައި ވައި ގަދަވެ، ބައެއް ހިސާބުތަކަށް ވިއްސާރަ ކުރެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވަނީ "ބުރެވި" ތޫފާން މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަޑަކަށް 760 ކިލޯމީޓަރު ދުރުން ގަލްފް އޮފް މަނާރުގައި ކަމަށެވެ. އަދި ތޫފާން ދަތުރުކުރަމުންދަނީ ހުޅަގު- ހުޅަގުދެކުނުން، އިންޑިޔާގެ ކުމާރީގެ އައްސޭރި ފަށާއި ދިމާލަށް ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ތޫފާން މިއަދު ހަވީރާއި މިރޭގެ ވަގުތެއްގައި އިންޑިއާގެ އަށްސޭރިފަށަށް އެ ތޫފާން އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.
ޑިސެމްބަރު 2 ވަނަ ދުވަހާއި 3 ވަނަ ދުވަހު، ޓެމިލް ނާޑޫގެ ސަރަހައްދުތަކަށް ގަދައަށް ވިއްސާރަ ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކެރެލާގެ ދެކުނުގެ ސަރަހައްދުން، ތިރިވަނަންތަޕޫރަމްއާއި ކޯލަމްއަށް މިއަދު ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ހަބަރު ލިބެއެވެ.
ތޫފާން ބުރެވީގެ ނުރައްކާ، އިންޑިއާއާއި ސްރީލަންކާއަށް ކުރިމަތިވެފައި ވާއިރު، މި ތޫފާނުގެ ކޮޅިގަނޑުގައި، ގަޑިއަކު 55-75 ކިލޯމީޓަރު ބާރު މިނުގައި، ކުރިއަށް އޮތް 2 ދުވަހު ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މިއާއެކު، ހަފުތާ ނިމެންދެން، މަސްވެރިން، މަހަށް ނުގޮސް މަޑު ކުރުމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.
އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދަށް އަނެއްކާވެސް ތޫފާނެއް ކުރިމަތިވެފައި މިވަނީ، ތޫފާން ނިވާރް ކުރިމަތިވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ތޫފާނުގައި 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.