ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސާޖެއް ހުއްޓުވޭ މިންވަރަށް، ކުރިއަށް އޮތް 3-6 މަހާ ދެމެދު މުއްދަތަކަށް ވެކްސިން ސަޕްލައި ލިބިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކުއްލި ނުރައްކާތަކާ ބެހޭ އިސްވެރިޔާ ޑރ މައިކް ރާޔަން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ އިވެންޓެއްގައި ވާހަކަ ދައްކަވަމުން ޑރ ރާޔަން ވަނީ، ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމާއެކު އެހެނިހެން ފިޔަވަޅުތައް އަދިވެސް އަޅަމުން ދިއުމަށް މުޖުތަމައަށް ގޮވާލައްވާފައެވެ.
ނޮވެމްވަރުގެ މެދަކާ ހިސާބަށް ލިބިފައި ވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19ގެ 49 ކެންޑިޑޭޓެއް ކުލިނިކަލް ޓްރަޔަލް މަރުހަލާގައި އެބަ އޮތެވެ. އެއީ ޖޫން މަހުގެ މެދަކާ ހިސާބުގައި ލިބުނު ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު، 11 ކެންޑިޑޭޓް އިތުރު އަދަދެކެވެ.
ކޮވިޑް-19އިން ދިފާއުވުމަށް ފައިޒާއާއި ބައޮއެންޓުކުން ތަރައްގީ ކުރި ވެކްސިންގެ ތަފާސް ހިސާބުތައް ޑަބްލިއުއެޗްއޯއާ ހިއްސާކޮށްފައި ވާއިރު، އެ އިދާރާއިން މިހާރު ދަނީ، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް މި ވެކްސިނަށް ސިއްކަ ދިނުމުގެ މުރާޖައާތައް ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ.
ވިލާތުގެ ވަރުގަދަ ގައުމުތަކާ އެމެރިކާވެސް ފަހަތަށް ޖައްސާލުމަށްފަހު، އިނގިރޭސިވިލާތުން ބުދަ ދުވަހު ވަނީ، ކޮވިޑް-19ގެ ވެކްސިން ރޭހުގައި އިންގިލާބީ ހަރުފަތެއް ހުރަސްކޮށްފައެވެ. އެގޮތުން ފައިޒާގެ ވެކްސިން އާންމު އުސޫލުން ބޭނުން ކުރުމަށް އިނގިރޭސިވިލާތުގެ ބޭސްވެރިކަމާ ބެހޭ ރެގިއުލޭޓަރުން ވަނީ އިޒުނަ ދީފައެވެ.
ޑރ ރާޔަން ވަނީ މިކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މިއީ ނިމުން ކަމުގައި ވެގެން ނުވާނެ ކަމަށާ، 3-4 ވެކްސިނެއް ބޭނުން ވާނެ ކަމަށްވެސް ޑރ ރާޔަން ވަނީ ވިދާޅުވެފައެވެ. އަދި ވެކްސިން އުފައްދާ މިންވަރު އިތުރުކޮށް، ވެކްސިންގެ އަގުތައްވެސް ތިރި ކުރަންޖެހޭ ކަމަށާ، 1 ޑޯޒްގެ ވެކްސިނެއް ބޭނުން ވާ ކަމަށްވެސް ޑރ ރާޔަން ވަނީ ފާހަގަ ކުރައްވާފައެވެ. ފައިޒާގެ ވެކްސިނަކީވެސް 2 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިނެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 64.8 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 1.499 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.