ލ. ގަމުގައި އެކްސިޑެންޓެއް ހިނގާ މީހަކަށް ސީރިއަށް އަނިޔާތަކެއް ލިިބިއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މިއަދު 9:30 ހާއިރު މަތިމަރަދޫ މާރުކޭޓު ކުރިމަތިން ހައިވޭގައި ސައިކަލަކާއި ތެޔޮ ބައުޒަރެއް ޖެހިގެން ކަމަށެވެ. އަދި އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓުވި ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އެމީހާގެ މޫނު މައްޗާއި ފައިގެ އުކުޅުވަޅަށާއި އަދި ފައިގެ ކަށިމައްޗައް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ގަމުގެ އިތުރުން މިއަދު ލ. ފޮނަދޫ ގައި ވެސް ވަނީ އެކްސިޑެންޓެއ ހިނގާފައެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެ އެކްސިޑެއްޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފަހަކަށް އައިސް މާލޭ އާއި ބައެއް ރަށްރަށުގައި ހިނގަމުންދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވަނީ މަރުވެފައެވެ.

އެކްސިޑެންޓުތައް އިތުރުވުމާ ގުޅިގެން ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.