އަންނަ ހުކުރު ދުވަހުން ފެށިގެން ކަރަންޓީނު މުއްދަތަކީ 10 ދުވަސް ކަމަށް ކަނޑައަޅާއިފިއެވެ.

މި ބަދަލު ގެނައުމަށް އެޗްޕީއޭއިން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ. ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރުކޮށްފައި ވަނީ ހަމައެކަނި އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގެ ސަބަބުން ކަރަންޓީނު ވާން ޖެހޭ މީހުންނަށެވެ. ކޮވިޑް-19އަށް ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނު ކުރާ މީހުންގެ ކަރަންޓީނު މުއްދަތަކީ އަދިވެސް 14 ދުވަހެވެ.

10 ދުވަހުގެ ކަރަންޓީނު މުއްދަތު ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް.

  • މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތައް.
  • ރިސޯޓްތަކުން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް.
  • ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކެވެ.

މީގެ އިތުރުން ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށާއި އެކި އެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަކަށް މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ. އެފަދަ މީހުންނަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެޗްޕީއޭއިން ބުނީ މިފަދައިން ހަދާ ޓެސްޓުތަކަށް ހަރަދު ކުރަން ޖެހޭނީ ދަތުރު ކުރާ ފަރާތުން ނުވަތަ އެ ދަތުރެއްގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުނިން ނުވަތަ އޮފީހުން ކަމަށެވެ.

މި ބަދަލު ގެންނަން ނިންމާފައި ވަނީ ކަރަންޓީނު ވުމާ ބެހޭގޮތުން އާންމުންގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން، މާލެއިން ރަށްރަށަށް ދަތުރުކުރާ އާންމު ރައްޔިތުންނާއި ރިސޯޓު ތަކުން ރަށްރަށަށް ދާ ރިސޯޓް މުވައްޒަފުން 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހޭއިރު ކަރަންޓީނުން އިސްތިސްނާ ވާ ބަޔަކު އުޅެއެވެ. ކަރަންޓީނުން އިސްތިސްނާ ވަނީ ރަސްމީ މަސައްކަތުގައި ކަރަންޓީނު ވުމަކާ ނުލާ ރަށްރަށަށް ގޮސް އުޅުމަށް ހާއްސަ ހުއްދަ ލިބޭ ފަރާތްތަކާއި ފަތުރުވެރިންނެވެ. ކަރަންޓީނު ވުމުގައި ހަމަހަމަ ގޮތެއް އަދި ލުއި ގޮތެއް ހަމަޖައްސައި ދިނުމަށް އެދި ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ކަރަންޓީނު މުއްދަތު ކުރު ކުރުމުގެ މަޝްވަރާތައް ކޮށްފައި ވާއިރު، ކަރަންޓީނު ކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުން ގެންގުޅެނީ އެކި މިންގަނޑުތަކެވެ. ނަމަވެސް އަދިވެސް ކަރަންޓީނު ކުރުމުގެ އެންމެ ރައްކާތެރި މުއްދަތަކީ 14 ދުވަހެވެ.