ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނު ވަގުތުގައި ފުލުހުންގެ ގާނޫނަށް ގެންނަ އިސްލާހު ތަކަކާ މެދު ހިތްހަމަ ނުޖެހި ހިނގާދިޔަ ޒުވާބަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ގެ ނަން އިއްވައި މަޖިލިސް ތަޅުން ބޭރު ކޮށްފިއެވެ.

ޝަރީފްގެ ނަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވީ މަޖިލީހުގައި، ޝަރީފް ތަކުރާރު ކޮށް އަޑުގަދަ ކުރައްވައި، ރިޔާސަތުން ޖަލްސާ ކުރިއަށް ގެންދެވުމަށް ދަތިވުމާ ގުޅިގެންނެވެ.

ނަމަވެސް ޒުވާބު ހޫނުވެ ޖަލްސާ ކުރިއަށް ގެންދަން ދަތިވުމުން މަޖިލީހުގެ ރައީސް ވަނީ ޝަރީފް ތަޅުން ދޫކޮށް ނިކުންނެވުމަށް ދަންނަވާފައެވެ. ޝަރީފް ތަޅުން ދޫކޮށް ނިކުންނެވުމުގެ ކުރިން އޭނާއާ ޒުވާބު ކުރެއްވި އެމްޑީޕީގެ އަނެއް މެންބަރު، ފ. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވަނީ ތަޅުން ދޫކޮށް ނިކުންނަވާފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ އަޑުގަދަ ވެފައި ވަނީ ދެ އިއްޒަތްތެރި ދެ މެންބަރެއްގެ ދެމެދުގައި ހިޔާލު ތަފާތުވުން ތަކެއް އުފެދުމާ ގުޅިގެން ކަމަށާއި އެ ހިޔާލު ތަފާތުވުމަކީ ބަޣާވާތާ ގުޅޭގޮތުން އުފެދުނު ހިޔާލު ތަފާތުވުމެއް ކަމަށް މަޖިލިސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެން ބޭފުޅުންގެ ހިތުގައި އުފެދޭނެ ސުވާލެއް، ކިހިނެއްބާއޭ އެވީ. އަޅުގަނޑަށް މީގެ ތަފްސީލެއް ދަންނަވާކަށް ނެތީން. އެހެންނަމަވެސް ދެ އިއްޒަތްތެރި ދެ މެންބަރެއްގެ ދެމެދުގައި ހިލާފު އުފެދި، ބަގާވާތާ ގުޅޭގޮތުން، އެއްފަހަރާ ދެ މެމްބަރުންގެ ނަން ނުއިއްވޭ. މިތަނުގައި އޮންނަ ގޮތަކީ އިއްވަމުން އިއްވަމުން ދިޔުން. އެއް އިއްޒަތްތެރި މެމްބަރެއްގެ ނަން އިއްވައި ހިނދުކޮޅެއް ވީއިރުގައި ދެވަނަ އިއްޒަތްތެރި މެންބަރެއް ފެންނާކަށް ނެތް
ރައީސް ނަޝީދު

ތަޅުމުން ބޭރަށް ނުކުމެ ވަޑައިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރުކުރިނަމަވެސް ބަދަލުހިފުމުގެ ގޮތުން ފުލުހުންގެ ގާނޫނަށް ގެންނަ ބަދަލަކުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ބޭނުންވާ ބަޔަކު ވަކިކޮށް އަލުން ވަޒީފާ ދިނުމަށް ހުށަހަޅާ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

އަދި ބަދަލު ހިފުމަށް އަބަދު މަސައްކަތް ކުރުމަކީ ގަބޫލު ކުރައްވާ ގޮތުގައި ވަރަށް ނާތަހުޒީބު އަމަލެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.