މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ އިހުމާލުން އަންހެނަކު ކަރަންޓުގައި ޖެހުނު ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

"ދް ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާގައި އެ ކުންފުނީގެ އިހުމާލުން އަންހެނަކު ކަރަންޓުގައި ޖެހި ފަރުވާ ދެމުންދާ ކަމަށް ދައުރުވަމުންދާ ވާހަކަ ތަކަކީ ދޮގު ހަބަރެއް ކަމަށެވެ.

އަދި އެ ކުންފުނީގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދަނީ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތެއް ކުރުމުގައި އަޅަންޖެހޭ ފިޔަވަޅު ނާޅައިގެން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މާލެ ގަލޮޅުގައި ހުންނަ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް އިއްޔެ މެންދުރު 1:18 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކަރަންޓުގައި ޖެހިފައި ވަނީ އުމުރުން 38 ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.