ރައީސް އޮފީހުގެ މުވައްޒަފަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ 'ދަ ޕްރެސް' އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ހޫދު ވިދާޅުވީ އެ ކޭސް އާ ގުޅިގެން ކޮންޓެޓް ޓްރޭސިންގެ މަސައްކަތް ނިމި ޕޮޒިޓިވް ވި މުވައްޒަފާއި ކޮންޓެކްޓު ވި އެހެން މުވައްޒަފުން ކަރަންޓީނުގައި މިހާރު ތިބި ކަމަށެވެ.

ހޫދު ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި މުވައްޒަފު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްވެސް ދަތުރުފުޅެއްގައި ބައިވެރިވެފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ރައީސް އޮފީހުގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން ހޫދު ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް 17 މީހުން ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވް ވި 17 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 15 މީހަކާއި ހިންގަމުންދާ ރިސޯޓަކުން އެކަކު އަދި އަތޮޅު ތެރެއިން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13011 އަށް އަރާފައެވެ. އޭގެ ތެރެއިން 11،939 މީހަކު ރަނގަޅުވެފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1019 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 95 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު މިއަދު ވަނީ 47 އަށް އަރާފައެވެ.