ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް މޮޑާނާ ކުންފުނިން ތަރައްގީ ކުރަމުން އަންނަ ވެކްސިނާއެކު، ބަލި ހާލަތު ސީރިއަސް ނުވެ، ސަލާމަތް ހޯދިދާނެތޯ ބެލި ބެލުމުން، އެ ވެކްސިނަކީ 100 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ރަސްމީ ނަތީޖާތަކުން ދައްކާފައި ވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް، މިރޭ އިރާކޮޅުގެ ވަގުތެއްގައި މޮޑާނާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19އާ ދެކޮޅަށް އެކުންފުނިން ތަރައްގީ ކުރަމުން އަންނަ (އެމްއާރްއެންއޭ-1273) ވެކްސިނަކީ، ބަލިން ދިފާއުވުމުގެ ނަޒަރުން ބަލާއިރު 94.1 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށާއި، ބަލި ހާލަތު ގޯސްވުން ނުވަތަ ސިވިއާ ކޭސްތަކާ ދެކޮޅަށް 100 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށެވެ.

މޮޑާނާގެ ވެކްސިންގެ އެންމެ ފަހު މަރުހަލާގެ ތަހުލީލުތައް ނިންމާލީ 30000 ބައިވެރިންނާއެކުގައެވެ. މީގެ ތެރެއިން 196 މީހަކަށް ކޮވިޑް-19 ޖެހުނުއިރު، ހާލު "ސިވިއާ"ވީ ކޭހުގެ އަދަދަކީ 30 ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

މޮޑާނާ ކުންފުނިން ބުނީ، އެ ކުންފުނީގެ ވެކްސިނަކީ ހަށިގަނޑުން ފަސޭހަ ކަމާއެކު ބަލައިގަންނަ ވެކްސިނެއް ކަމަށާ، ވެކްސިންގެ ސަލާމަތާއި ރައްކާތެރި ކަމާ މެދު ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މި ކާމިޔާބީއާއެކު މޮޑާނާއިން މިހާރު އަމާޒު ހިފާފައި ވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ވެކްސިން ފޯރުކޮށްދީ، މާކެޓް ކުރުމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި، ވިލާތުގެ ބޭސްވެރިކަމާ ބެހޭ އިދާރާ (އީއެމްއޭ)ގެ ހާއްސަ ސިއްކަ ހޯދުމަށް އެދި ހުށަހެޅުމާ ދިމާލަށެވެ.

އެމްއާރްއެންއޭ-1273 ވެކްސިނަކީ، މޮޑާނާ ކުންފުންޏާއި، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ އިންވެސްޓޭގަރުން ގުޅިގެން ތަރައްގީ ކޮށްފައި ވާ ވެކްސިނެކެވެ.

މޮޑާނާއިން ބުނާ ގޮތުގައި އެކުންފުނީގެ ވެކްސިނަކީ ފުރިޖެއްގައި، 2-8 ޑިގްރީ ސެލްސިއަސްއާ ދެމެދު ފިނިމިނެއްގައި، 30 ދުވަހަށް ރައްކާ ކުރެވޭނެ ވެކްސިނެކެވެ. އަދި މައިނަސް ވިހި ޑިގްރީ ސެލްސިއަސްގައި 6 މަހެއްހާ ދުވަހަށްވެސް ވެކްސިން ރައްކާ ކުރެވޭނެ ކަމަށް މޮޑާނާއިން ބުނެއެވެ.

މޮޑާނާގެ ވެކްސިން ތަރައްގީ ކުރުމުގައި ބޭނުން ކުރަނީ ބައޮލޮޖިކަލް ސެލްތަކުގައި އެކުލެވޭ މުހިންމު މެކްރޯމޮލެކިއުލްއެއް ކަމަށްވާ ރީބޯނިއުކްލިއެއިކް އެސިޑް (އާރްއެންއޭ) މެސެންޖާ ޓެކްނޮލޮޖީއެވެ. އާރްއެންއޭގެ ދައުރަކީ ޑީއެންއޭއިން މެސެޖު ފޯރުކޮށްދިނުމެވެ. މުހިންމު ޖެނެޓިކް އިރުޝާދުތަކެއް އާރްއެންއޭގައިވެއެވެ. މިއި ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދީގެން މިހާތަނަށް ބޭނުން ކުރަމުން އަންނަ ވެކްސިނެއް އުފެއްދުމުގައި ބޭނުން ކޮށްފައި ވާ ޓެކްނޮލޮޖީއެއް ނޫނެވެ.

ކޮވިޑް-19އިން ދިފާއުވުމަށް މޮޑާނާއިން ތަރައްގީ ކުރަމުން އަންނަ ވެކްސިން، ސަރުކާރުތަކަށް ވިއްކާނީ، ޑޯޒްއެއް 25-37 ޑޮލަރާއި ދެމެދު އަގެއްގައި ކަމަށް އެ ކުންފުނީގެ ސީއީއޯ ސްޓެފާން ބެންސަލް ވަނީ ހާމަ ކުރައްވާފައެވެ.