އެކައުންޓިން ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ދިވެހިންނަށް އިސްކަންދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް އެކަމަށް އެދިވަޑައިގެންފައިވަނީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި ކުރިއަށްގެންދެވި މަޝްވަރާތަކުގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެކައުންޓިން ދާއިރާގެ ގާނޫނެއް ވުޖޫދު ކުރެވިފައި އޮތުމަކީ އެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މިހާރު ސާރުކާރުން ފޯރުކޮށްދޭ މަތީ ތައުލީމުގެ އެކިއެކި ޕްރޮގްރާމުތަކުގެ ތެރެއިން އެކައުންޓިން ދާއިރާއިން ތައުލީމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގައި އެ ރައީސް ވިދާޅުވިއެވެ. އަދި އެކައުންޓިން ދާއިރާގެ ވަޒީފާތަކަށް މީހުން ހޮވުމުގައި ވެސް ދިވެހިންނަށް އިސްކަންދިނުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްގެ ކައުންސިލް މެންބަރުން ވަނީ އެ އިންސްޓިޓިއުޓް އުފެދުމަށްފަހު ރާއްޖޭގެ އެކައުންޓިން ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި އެ މަސައްކަތުގައި ދިމާވާ ދަތިތައް ރައީސްއާ ހިއްސާ ކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނާއެކު އެ ދާއިރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފަސޭހައާއި ކުރިއެރުން ލިބިފައިވާ ކަން އެ ވަނީ ފާހަގަކޮށްފައެވެ.

އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެންބަރުންގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި މިނިސްޓާ އޮފް ފިނޭންސް އިބްރާހީމް އަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.