ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެހީގައި، އަވަށްޓެރި އިންޑިއާގައި ދޭން ފެށި ސީޕްލޭން ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އިންޑިއާގައި ފެށި ސީޕްލޭން ހިދުމަތައް މެދުކަނޑާލާފައި ވަނީ 15 ވަރަކަށް ދުވަހުގެ މުއްދަތަށެވެ. އަދި އިންޑިއާގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރި މޯލްޑިވިއަންގެ ޓްވިން އޮޓާ 300 ފްލައިޓް ރާއްޖެއަށް ފުރުވާލަފައި ވާ ކަމަށްވެސް އިންޑިއާއިން ހަބަރު ދެއެވެ. މި ބޯޓު ރާއްޖެއަށް އަނބުރާ ފުރުވާލީ، މެއިންޓަނަންސްއަށް ކަމަށް މައުލޫމާތު ލިބެއެވެ.

ސްޕައިސް ޖެޓްގެ ކޯޑުގައި، 'ސްޕައިސް ޝަޓަލް'ގެ ނަމުގައި އިންޑިއާގައި އޮޕަރޭޓް ކުރަމުން ދިޔަ މޯލްޑިވިއަންގެ ސީޕްލޭން، އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އަނެއްކާވެސް އިންޑިއާއަށް ދަތުރު ކުރާނެ ކަމަށް ހަބަރު ލިބެއެވެ. އެއާއެކު އޮޕަރޭޝަންތައް އަނެއްކާވެސް ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ގުޖުރާތުގެ އޮފިޝަލުންނާ ހަވާލާދީ، އިންޑިއާގެ މީޑިއާއިން ރިޕޯޓްގައި، މޯލްޑިވިއަންގެ ފްލައިޓްގެ މެއިންޓަނަންސް އަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހެއެވެ. މި މަރާމާތު ކުރާނީ ރާއްޖޭގެ ހެންގަރެއްގައެވެ.

އިންޑިއާގެ ސްޕައިސްޖެޓްގެ ކޯޑުގައި އެ ގައުމުގައި އުދުހެމުންދިޔަ މޯލްޑިވިއަން ސީޕްލޭން / ފޮޓޯ: ސްވަރާޖްޔާ

އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު، އިންޑިއާގެ ބޮޑުވަޒީރު، ނަރޭންދްރާ މޯދީ އިފްތިތާހުކޮށް ދެއްވި އިންޑިއާގެ ސީޕްލޭން ހިދުމަތް، މިހާތަނަށް 2 ފަހަރެއްގެ މަތިން ވަނީ މެދުކަނޑާލާފައެވެ. 2 ފަހަރުވެސް ހިދުމަތް މެދުކަނޑާލީ މެއިންޓަނަންސް މަސައްކަތަށެވެ. ފުރަތަމަ މެއިންޓަނަންސް އަކީ ތާވަލު ކުރެވިގެން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށާ، އެ މަސައްކަތް ކުރިއަށް ގެންދިޔައީ ހިދުމަތް އިފްތިތާހް ކުރިތާ 3 ވަނަ އަށް ވީ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. މަރާމަތަށްފަހު 2 ދުވަހެއްގެ ތެރޭގައި ހިދުމަތްތައް އަލުން ފެށިއެވެ.

ގުޖުރާތު ސަރުކާރުގެ ޑައިރެކްޓާ އޮފް ސިވިލް އޭވިއޭޝަން ކެޕްޓަން އަޖޭ ޗޯހާން ވިދާޅުވީ، ސީޕްލޭން ރާއްޖެ ފުރުވާލަން ޖެހުނީ، އެ މަރާމާތަށް ބޭނުންވާ ހެނގަރެއް އިންޑިއާގައި ނެތުމުގެ ސަބަބުން ކަމަށެވެ. ސީޕްލޭންއަކީ ދަތުރު ކުރާ މިންވަރާއި، ރާސްތާއަށް ރިއާޔަތްކޮސް މެއިންޓަނަންސް މަސައްކަތް ކުރަން ޖެހޭ ބޯޓެއް ކަމަށާ، އިންޑިއާގައި ބުރަ ދަތުރުތަކެއް ކޮށްފައި ވާ ކަމަށްވެސް ކެޕްޓަން ޗޯހާންއާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރެއެވެ.

އިންޑިއާގެ ސްޕައިސްޖެޓްގެ ކޯޑުގައި އެ ގައުމުގައި އުދުހެމުންދިޔަ މޯލްޑިވިއަން ސީޕްލޭން / ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

ކެޕްޓަން ޗޯހާން ވިދާޅުވާ ގޮތުގައި 19 ސީޓުގެ ޓްވިން އޮޓާ 300 ފްލައިޓް އަކީ މޯލްޑިވިއަންއިން ލީޒްކޮށްފައިވާ ފްލައިޓެކެވެ. މޯލްޑިވިއަން އިން މި ފްލައިޓް ސްޕައިސްޖެޓަށް ދޫކޮށްފައި ވަނީ، ސާވިސް ކުރުމާއި، ކްރޫއާއި، އިންޝުއަރަންސް އަދި އޮޕަރޭޝަންތަކާއި މެއިންޓަނަންސްއަށް ފީ ނަގާ އުސޫލުން ކަމަށްވެސް ކެޕްޓަން ޗޯހާން ވިދާޅުވެއެވެ.

މޯލްޑިވިއަން އިން މިއަދު މެންދުރު ފަހު ވަނީ، އިންޑިއާއަށް ދަތުރު ކުރި ކްރޫ ރާއްޖެއައިކަން ކަށަވަރު ކޮށްދީފައެވެ.

އެޑިޓް ކުރީ: މިޒްނާ މުހައްމަދު