މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 10:20 ހާއިރު ބާރު ސްޕީޑެއްގައި މާލެ އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓުރޯލު ނުވެ ގޮސް ދުވާ ޓްރެކް މައްޗަށް ވެއްޓި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގި އިރު ފަހަތުގައި އިން 24 އަހަރުގެ ދިވެހި އަންހެނަކަށް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަާފައިވަނީ ލައިސެންސް ނޯންނަ މީހެއް ކަމަށާއި އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަލޭގައި ހިނގަމުންދާ މިފަދަ އެކްސިޑެންޓްތަކުގައި މީގެ ކުރިން ވެސް މީހުންގެ ފުރާނަ ވަނީ ގޮސްފައެވެ. އަދި މާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ދަނީ ހިނގަމުންނެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ތިން ވަނަ ކުއާޓަރު (ޖުލައި- ސެޕްޓެމްބަރު) ގައި މާލޭގައި 304 އެކްސިޑެންޓު ވަނީ ހިނގާފައެވެ. އަދި އޭގެ ތެރެއިން 68 މީހަކަށް ވަނީ އަނިޔާ ލިބިފައެވެ.