މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޖާސޫސީ މައުލޫމާޓު ހިއްސާ ކުރުމަށް، ދިވެހިރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާއިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ދިވެހި ރާއްޖެއާއި އަވަށްޓެރި 2 ގައުމަކުން މި އެއްބަސްވުން އެކުލަވާލީ، 3 ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުން (އެންއެސްއޭ) ބައިވެރިވެވަޑައިގަންނަވާ ސިލްސިލާ މަޝްވަރާތަކުގެ 4 ވަނަ ބުރުގެ މަޝްވަރާތަކުގައެވެ.

ދިވެހި ދިފައީ ވަޒީރު އަލްއުސްދާޒާ މާރިއާ އަހުމަދު ދީދީ، ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، ކޮޅުނބުގައި އެއްބަސްވެވަޑައިގެންވި މި އެއްބަސްވެވަޑައިގަތުމުގެ ދަށުން، ގިނަ ދާއިރާތަކަކުން ޖާސޫސީ މައުލޫމާތު ހިއްސާ ކުރެވިގެންދާނެއެވެ. އޭގެ ތެރޭގައި ޓެރަރިޒަމް، ދީނީ ހަރުކަށި ފިކުރު، ހައްދު ފަހަނައަޅާ ދިއުން، މަސްތުވާތަކެތި، ހަތިޔާރާއީ އިންސާނީ ވަގުފާރި، ކަޅުފައިސާ ދޮވުން އަދި މޫސުމީ ނޭދެވޭ ބަދަލުތަކާ، ކަނޑުވެއްޓާއި ގުޅުން ހުރި ދާއިރާތައް ހިމެނެއެވެ.

3 ގައުމުގެ ދިފާއީ ހާއްސަ މުޝީރުން މަޝްވަރާކުރައްވާ، ނިންމެވި އިތުރު ކަންކަމުގެ ތެރޭގައި، އޮޕަރޭޝަނަލް ފެންވަރުގައި ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް، އެންއެސްއޭގެ ނައިބުންގެ މެދުގައި މަޝްވަރާތައް ފުޅާ ކުރުން ހިމެނެއެވެ.

ދިވެހި ދިފާއީ ވަޒީރު މާރިއާގެ އިތުރުން، އިންޑިއާގެ އެންއެސްއޭ އަޖީތު ދޯވާލްއާއި، ސްރީލަންކާގެ ދިފާއީ ވަޒީރުގެ ނައިބު މޭޖާ ޖެނެރަލް ރިޓާޔަޑް ކަމާލް ގުނަރަތުނަ ބައިވެރިވެވަޑައިގެންނެވި މަޝްވަރާތަކަށް ފަހު، ގުޅިފައިވާ ބަޔާނެއްވެސް ވަނީ އާންމު ކުރައްވާފައެވެ. އެގޮތުން، އިންޑިއާ ކަނޑުގެ ސަރަހައްދުގެ މެރިޓައިމް ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް، މި ބައްދަލުވުންތަކުގެ މުހިންމު ކަން ބޮޑު ކަމަށް 3 ގައުމުން ފާހަގަ ކޮށްފައި ވެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާގެ ދިފާއީ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެން، މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައި މި ދަނޑިވަޅަކީ، ދުނިޔޭގެ ސުޕާޕަވަރުގެ މަގާމު ކަށަވަރު ކުރުމަށް ފައި ވިއްދައިގެން އޮތް ޗައިނާގެ މަސްބޯޓުތަކާ، ދިރާސާ އުޅަނދު ފަހަރު، ގަވައިދާ ހިލާފަށް އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.