މި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއާއި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތައް ވޯޓުން ބަލިކޮށް ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީން ޖަލުގައި އޮންނަވާތާ މިއަދަށް އަހަރެއް ވުމާއެކު ރައީސް ޔާމީން ވަނީ ރައްޔިތުންނާ ހަމައަށް މެސެޖެއް ފޮނުއްވާފައެވެ. އެ މެސެޖު ފޯރުކޮށްދީފައި ވަނީ ޕީޕީއެމްއިން ކުރި ޓްވީޓެއް މެދުވެރިކޮށެވެ. ރައީސް ޔާމީންގެ މެސެޖުގެ ގޮތުގައި ޕީޕީއެމުން ކުރި ޓްވީޓުގައި ބުނެފައި ވަނީ އެމްޑީޕީ އާ ކޯލިޝަންގެ ސަރުކާރު ވޯޓުން ބަލިކޮށްދިނުމަށެވެ. އެއީ އެމަނިކުފާނަށްޓަކައި މިއަދު ކޮށްދެވޭނެ އެންމެ ބޮޑު މަސައްކަތް ކަމަށް ވެސް އެ މެސެޖުގައި ވެއެވެ.
ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރިތާ މިއަދަށް 1 އަހަރު ފުރޭ އިރު، ވޭތުވެދިޔަ އަހަރު ތެރޭގައި އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އަދި ޖަލަށް ލި މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާ، މައްސަލައިގެ އަޑުއެހުންތައް ނިމިފައި ވާއިރު، ދެން އޮތީ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމެވެ.
ރައީސް ޔާމީން ޖަލަށް ލީތާ އެއް އަހަރު ފުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ރާއްޖޭގެ އެކި ރަށްރަށުގައި އާއި ކަނޑުމަތީގައި މުޒާހަރާ ކޮށްފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައޮ މުދާ އުފުލާ 3 ދޯންޏެއްގައި މީހުންނާއެކު މާފުށީ ބޭރަށް ގޮސް ވަނީ އަޑުއުފުލާފައެވެ. އެ ސަރަހައްދުގައި މުޒާހަރާ ކޮށްފައި ވާއިރު ރައީސް ޔާމީން މިވަގުތު ބަންދުކޮށްފައިވަނީ މާފުށީ ޖަލުގައެވެ.
މި މުޒާހަރާގައި އިދިކޮޅު ލީޑް ކުރައްވާ ހުރިހާ ބޭފުޅުންހެން ބައިވެރިވެ ވަޑައިގަތެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ދެ ޖިންސުގެ އެކި އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ.