މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން ޖަލަށް ލީތާ އެއް އަހަރު ފާހަގަކުރުމަށް އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި މުޒާހަރާކޮށްފިއެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ ކަނޑުމަތީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް މުޒާހަރާކޮށްފައެވެ.
"ރައީސް ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް މުޅި ރާއްޖެ" ނަމުގައި ކަނޑުމަތީގައި ކުރިއަށްދާ މުޒާހަރާއަށް މުދާ އުފުލާ ތިން ދޯނި ފުރީ ހުޅުމާލެއިން ނެވެ.
މިއަދު މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުން ވަނީ ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށް ވިދާޅުވެ، ޔާމީންއަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލައްވާފައެވެ. އެ ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެ ދެ ބޭފުޅުން މިއަދު ކުރައްވާ ކަންކަމާ ވަރަށް އަވަހަށް ބައްދަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވިއެވެ.
މިއަދު ހަވީރު ފެށި މުޒާހަރާ ކުރިއަށް ދިޔައީ މާފުށީ ބޭރު ކަނޑުމަތީއެވެ. އެ ސަރަހައްދުގައި މުޒާހަރާ ކޮށްފައިވާއިރު ރައީސް ޔާމީން މިވަގުތު ބަންދުކޮށްފައިވަނީ މާފުށީ ޖަލުގައެވެ. މި މުޒާހަރާގައި އިދިކޮޅު ލީޑް ކުރައްވާ ހުރިހާ ބޭފުޅުންހެން ބައިވެރިވިއެވެ. އަދި ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން ދެ ޖިންސުގެ އެކި އުމުރުގެ މީހުން ވަނީ ބައިވެރިވެފައެވެ.
ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރިތާ މިއަދަށް 1 އަހަރު ފުރޭ އިރު، ވޭތުވެދިޔަ އަހަރު ތެރޭގައި އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އަދި ޖަލަށް ލި މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާ، މައްސަލައިގެ އަޑުއެހުންތައް ނިމިފައި ވާއިރު، ދެން އޮތީ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމެވެ.
5 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ ގއ ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަނީ ލޯންޑާ ކުރައްވައިފައިވާ ކަން ސާބިތު ވެގެންނެވެ.