އީރާނުގެ ނިއުކްލިއާ އިސް ސައެންޓިސްޓް، މުހްސިން ފަހުރީޒާދީ މަރާލައިފިކަން، އެ ގައުމުގެ ދިފާއީ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ.

ފަހުރީޒާދީއަކީ، އީރާނުން އަސްކަރީ ރޫހެއްގައި ކުރިއަށް ގެންދިޔަ ނިއުކްލިއާ މަޝްރޫއު، 2000ގެ އަހަރުތަކުގެ ކުރީކޮޅު މަޑުޖައްސާލުމާ ހިސާބަށް، އެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އޮފިޝަލެވެ.

އީރާނުގެ އަސްކަރިއްޔާއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ފަހުރީޒާދީ މަރާލާފައި ވަނީ މީގެ ގަޑިއެއް ހާއިރު ކުރިންނެވެ. އޭނާ ސަލާމަތް ކުރުމަށް މެޑިކަލް ޓީމް ފެއިލްވި ކަމަށާއި، ގިނަ އަހަރުތަކެއް ވަންދެން އޭނާ ކުރި ބުރަ މަސައްކަތާއެކު އޭނާ މަރުވެދިޔައީ "ޝަހީދެއް" ގެ ދަރަޖާގައި ކަމަށްވެސް އަސްކަރިއްޔާއާ ހަވާލާދީ އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ސިފަކޮށްފައެވެ.

ނަމަވެސް، އޭނާ މަރުވި ގޮތަކާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އީރާނުން އަދި އާންމު ކޮށްފައެއް ނުވެއެވެ.

އީރާނުގެ އިސް ނިއުކްލިއާ ސައެންޓިސްޓް، މުހްސިން ފަހުރީޒާދީ މަރާލި ހަމަލާގެ ފަހަތުގައި އޮތީ އިސްރާއީލު ކަމަށް އަޑު ފެތުރިފައި ވީ ނަމަވެސް، އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް އިސްރާއީލުން އަދި ދަނީ އިންކާރު ކުރަމުންނެވެ. ނަމަވެސް، މުހްސިން ފަހުރީޒާދީގެ ނަމަކީ ހަނދާނުގައި ބަހައްޓަން ޖެހޭ ނަމެއް ކަމަށް، އިސްރާއީލުގެ ޔަހޫދީ ލީޑަރު ބެންޖަމީން ނަތަންޔާހޫ ވަނީ މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައެވެ.

ފާއިތުވީ 10 އަހަރެއްހާ ދުވަހަށް ބަލާއިރު، އީރާނުގެ ނިއުކްލިއާ ސައެންޓިސްޓުންނަށް އަމާޒުކޮށް އީރާނުން ދަނީ މަރާލުމުގެ ގަސްތުގައި ހަމަލާތައް ދެމުން ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ.

ފަހްރީޒާދީއަކީ، އީރާނުން "އުއްމީދު"ގެ ނަމުގައި ހިންގި މަޝްރޫއުގެ އިސްވެރިޔާއެވެ. އިސްރާއިލާއި، އެމެރިކާ އަދި ހުޅަނގުން ތުހުމަތު ކުރާ ގޮތުގައި އީރާނުގެ މި އޮޕަރޭޝަނަކީ، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ހޯދުމަށް އީރާނުން ހިންގާ މަޝްރޫއުއެކެވެ. ނަމަވެސް އީރާނުން ވަކާލާތު ކުރާ ގޮތުގައި، އެގައުމުގެ ނިއުކްލިއާ މަޝްރޫއުގެ ފަހަތުގައި އޮތީ، ސުލްހަވެރި، މަދަނީ މަގުސަދެކެވެ.

"އުއްމީދު" ޕްރޮގްރާމް، 2000ގެ އަހަރުތަކުގެ ކުރީކޮޅު ހުއްޓާލާފައި ވާ ކަމަށް ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ (އައިއޭއީއޭ) އިން ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އެ އޮޕަރޭޝަންގައި ބޭނުން ކުރި ސައިޓްތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް، އައިއޭއީއޭގެ ޓީމުން މިހާރުވެސް ދަނީ ކުރަމުންނެވެ.