އުރީދޫ މޯލްޑިވްސް އިން ވިއްކާ މޯބައިލް ފޯނު އަދި އެކްސެސަރީ، އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން (ޔޫޑޭ) ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް އިންސްޓޯލްމެންޓަށް ބައްލަވައިގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ އިސްލާމިކް ބޭނަކާ އެކު ހެދި ޕާޓްނާޝިޕްގެ ދަށުން އެމްއައިބީ ޔޫޑީ ފެސިލިޓީ ގެންގުޅޭ ކޮންމެ މީހަކަށް ވެސް އުރީދޫން ވިއްކަން ހުންނަ ކޮންމެ ޑިވައިސްއެއް ވެސް އިންސްޓޯލްމެންޓަށް ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެމްއައިބީ ޔޫޑީ ފެސިލިޓީގެ ދަށުން ޑިވައިސްތައް ބަލައިގަތުމުން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކުގެ ދަށުން ލިބޭ ހިލޭ ޑޭޓާ ފަދަ ފައިދާތައް ލިބިގެންދާނެ ކަމަށް އުރީދުން ބުނެއެވެ.

ހަމައެއާއެކު އެހެނިހެން ނެޓްވޯކްތަކުގެ ކަސްޓަމަރުންނަށް ވެސް އެމްއައިބީ ޕޭމަންޓް ޕްލޭންގެ ދަށުން އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ބޭނުންވާ ޑިވައިސްއެއް ހެޔޮ އަގުގައި ގަތުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އުރީދުން ބުނެއެވެ.

އުރީދޫ މޯލްޑިވްސް ގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، އީޖާދީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތަކާ އެކު އެންމެފަހުގެ ޑިޖިޓަލް ޑިވައިސްތަކުގެ ބޭނުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށެވެ. އެހެންކަމުން، މި ޕާޓްނާޝިޕްގެ ދަށުން އުރީދޫން މާކެޓްކުރާ ފޯނުތަކާއި ޑިވައިސްތައް، މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި އިންސްޓޯލްމެންޓް ޕްލޭންއެއްގެ ދަށުން ލިބޭނެ ފުރުސަތު ހުޅުވާލެވޭ ކަމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. ކަމަށެވެ.

އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އެންމެ ފަހުގެ ލޯ އެންޑް، މިޑް ރޭންޖް އަދި ހައި އެންޑް ފޯނުތައް އަދި އެކްސެސަރީ، މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދެއެވެ.

އިންސްޓޯލްމެންޓް ޕްލޭން ކަނޑައެޅިގެންދާނީ ކޮންމެ ކަސްޓަމަރެއްގެ އެވޭލަބަލް ލިމިޓްއަށް އެކަށޭނަ ގޮތަށް އެމްއައިބީ އިން އެޕްރޫވް ކުރެވިގެންކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ. މާލެ އަދި ހުޅުމާލެ އުރީދޫ ޝޮޕަށް ގޮސް ބޭނުންވާ ފޯން، އެކްސެސަރީ އަދި ޑިވައިސް މިހާރު އެމްއައިބީ ޔޫޑީ ފެސިލިޓީ މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށް އިސްލާމިކް ބޭންކުން ބުނެއެވެ.