ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ސަގާފީ ޓޫރިޒަމް އާއި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމު މިހެން ވިދާޅުވީ، ދަ ސްޓޭންޑިން ކޮމިޓީ ފޯ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް) ގެ 36 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ސަގާފީ ޓޫރިޒަމް އާއި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން ހޯދަމުންދާ ކާމިޔާބުގެ ސިއްރަކީ އިންޑަސްޓްރީގެ ބައިވެރިންގެ މިންނަތް މަސައްކަތް ކަމަށެވެ. އަދި ބައްދަލުވުމުގައި އިންޑަސްޓްރީގެ ބައިވެރިންނަށް ޑރ. މައުސޫމް ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރު ޑރ. މައުސޫމް ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައި ގަތުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާއި ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތުތައް ހޯދާ ފަތުރުވެރިކަމުގެ ވިޔަފާރީގެ އާ އުކުޅުތައް ތައާރަފް ކުރަންވީ ވަގުތު ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ އިއްޔެ އާއި މިއަދު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުން ހުޅުވާ ދެއްވީ ކޮމްސެކްގެ ޗެއާމަން، ތުރުކީގެ ރައީސް ހިޒް އެކްސެލަންސީ ރަޖަބް ތައްޔިބު އުރުދުޣާންއެވެ. އެގޮތުން މިއަދު ބޭއްވި ޝެޝަންގެ ޝިއާރަކީ 'ޕްރޮމޯޓިން އެންޓަޕްރިނިއާޝިޕް ފޯ ޓޫރިޒަމް އިންޑަސްޓްރީ ކޮމްޕެޓެޓިވްނަސް' އެވެ.
ކޮމްސެކް އަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގައި ހިމެނޭ 4 ދާއިމީކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. ކޮމްސެކްގެ މެންބަރު ގައުމުތަކުގެ ގޮތުގައި 57 ގައުމު އޮވެއެވެ.
މި ބައްދަލުވުމުގައި އޯ.އައި.ސީ. ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އޮތައިމީން އާއި މެންބަރު ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ބައެއް އިންޓަރނޭޝަނަލް އޯގަނައިޒޭޝަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.