ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެވޭ 10 ވަނަ އިސްލާހާއެކު ހިލަގަނޑަކަށް މިހާރު ވެފައި އޮތް 85 ރަށް ރަން ގަނޑަކަށް ހެދިދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ނުހެދި އޮތް 85 ރަށް އެބްއޮތް ކަމަށާއި އެކަމުގެ ސަބަބުން ވަޒީފާ ނުއުފެދި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބި ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެވޭ 10 ވަނަ އިސްލާހާއެކު އެ ރަށްތައް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ރަނަށް ބަދަލު ކުރުމަށް ފަރުސަތު ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

"މީހުން ބުނެ އުޅޭ ރަންގަނޑަކާ ހިލަގަނޑަކާ އެއްގޮތެކޭ ވާނީ ބޭނުން ނުކުރަންޏާ. ދިވެހި ރާއްޖޭގެ 85 ރަށް ހިލަގަނޑެއްގެ ގޮތުގައި މިއޮއް ހުރިހާ ދުވަހު އެއޮތީ. މި ބިލުގެ ސަބަބުން އެ ރަށްތަށް ބޭނުންކޮށް ރަނަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެ"
ޑރ. އަބްދުﷲ މައުސޫމް

މައުސޫމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެވޭ 10 ވަނަ އިސްލާހު ގެނައުމުގެ އެންމެ މުހިއްމު ބޭނުމަކީ ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުން ކަމަށެވެ. ހަމައެއާއެކު އެ އިސްލާހަކީ ފަތުރުވެރިކަމުގެ ގާނޫނުގައި ހުރި ބައެއް ކަންކަން ހަރުދަނާ ކުރުމަށް ގެނެވުނު އިސްލާހެއް ކަމަށާއި ފަތުރުވެރިކަމުގެ މުއްސަނދިކަން ދިވެހިންނަށް ހޯދައިދިނުން ގެނެވުނު އިސްލާހެއް ކަމަށް މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރާ ދެކުނަށް ވެސް ވަރަށް ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާ ކަމަށެވެ. މިބިލުގައި ބައެއް ސަރަހައްދުތަކުގެ ރަށްރަށުގެ ފަތުރުވެރިކަމަށް ދޫކުރާ ތަންތަނުގެ ކުލި ބަދަލުކޮށްލާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަހައްދުން ސީޕްލޭންގައި 45 މިނެޓުން ދަތުރުކުރެވޭ ހިސާބުތައް ފިޔަވައި، އުތުރާ ދެކުނުގެ ރަށްރަށުން ބިމުގެ ކުލީގެ އަގު ވަރަށް ބޮޑުތަނުން ތިރިވެގެން ދާނެ ކަމަށް މައުސޫމް ފާހަގަ ކުރެއްވިއެވެ.

"ބިމުގެ ކުލީގެ އަގު ވަރަށް ބޮޑުތަނުން ތިރިވެގެން ދާނެ. މައި ސަރަހައްދަކަުން ނުދޭ. އެގޮތުން މާލެ ސަރަަހައްދުން 45 މިނެޓުގައި ސީޕްލޭނުން ދަތުރުކުރެވޭ ހިސާބުތަކަށް ބަދަލެއް ނާދޭ. ބަދަލު މި އަންނަނީ އުތުރާއި ދެކުނަށް."
ޑރ. އަބްދުﷲ މައުސޫމް

މި ބަދަލުގެ ސަބަބުން އިންވެސްޓް ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި އަދި އެ ސަރަހައްދުތަކުގައި ނުހެދި ހުރި ރަށްތައް ހެދުމަށާއި ބަންދުކޮށްފައި ހުރި ތަންތަން ހުޅުވުމަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. އެގޮތުން ބިމުކުލިން 50 ޕަސެންތް އުނިކުރުމަށް ހުށަހަޅާފައިވާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބިލުގައި އިސްކަން ދީފައި ވާނީ ލާމަރުކަޒު އުސޫލުން ފަރުރުވެރިކަމުގެ ދާއިރާގއި ލޯކަލް ކައުންސިލްތަކުގެ ހިއްސާ ހިމެނުން ކަމަށް މައުސޫމް ވިދާޅުވިއެވެ. އެހެންކަމުން މި އިސްލާހާ އެކު ރަށްރަށުން ލޭންޑް ލިސްޓް ޕްލޭންގައި ހިމަނައިގެން ފަތުރުވެރިކަމަށް ބިން ދޫކުރުމުގެ ބާރު ކައުންސިލް ތަކަށް ލިބިގެންދާނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

މި ބިލު ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.