މަސްވެރިކަމުގައި އުޅުނު ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާއަށް ހުޅުމާލެ ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ކ. އެނބަދޫ ފިނޮޅުގެ އިރު ދެކުނުން 6.5 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމުގައި އުޅުނު "ވިލާ ވާލި" ދޯނީގައި ހުރި 22 އަހަރުގެ ދިވެހި ޒުވާނެއްގެ ލޮލަށް ބުޅިއެއް ހެރިފައިވާ ކަމަށެވެ.

މި ހާދިސާ ރިޕޯޓް ކުރުމާއެކު އަނިޔާވި މީހާ އަވަސް ފަރުވާއަށް ހުޅުމާލެއަށް ގެންދިއުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން ވަނީ ހަރަކާތްތެރި ވެފައި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެއެވެ.

އެމައްސަލަ ރިޕޯޓު ކޮށްފައި ވަނީ މިއަދު 03:58 ހައިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މިދިޔަ އަންގާރަ ދުވަހުވެސް ޒުވާން މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ވަނީ މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަންގާރަ ދުވަހު ބުޅި ހެރިފައި ވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މަސްވެރިކަން ކުރަން ނުކުމެ އުޅޭ އިރު މަދުން ނަމަވެސް ލޮލަށް ބުޅި ހެރޭ ފަދަ ހާދިސާތައް ވަނީ ހިނގާފައެވެ. އެ ގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެމްއެންޑީއެފުން ވަނީ މަހަށް ގޮސް އުޅެނިކޮށް، މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެދުވަހު އެމްއެންޑީއެފުން ބުނީ ކ.ދިއްފުށި ކަނދުފަތީގެ އިރުން 26 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު "އަޒުމް" ދޯނީގައި ހުރި 40 އަހަރުގެ ދިވެހި ފަޅުވެރިއެެއްގެ ލޮލަށް ބުޅިއެއް ހެރިގެން ރިޕޯޓު ކުރި ކަމަށެވެ.

ހަމައެއާއެކު މިދިޔަ މަހުގެ 21 ވަނަ ދުވަހުވެސް އެފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. އެއީ އދ. މަންދޫ ހުޅަނގުން 101 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނު "ކޮންކޯޑް" ނަމަކަށް ނިޔާ ދޯންޏެއްގައި ހުރި އުމުރުން 65 އަހަރުގެ ދިވެއްސެއްގެ ލޮލަށް ބުޅިއެއް ހެރުނު ހާދިސާއެކެވެ.