މައިބަނދައިގައި ޓިއުމަރެއް އިނުމުގެ ސަބަބުން ސާޖަރީ ކޮށްފައިވާ ތުއްތު ސާރާ ޝުރައިހް މުހައްމަދު ތިން ވަނަ ސާޖަރިއެއް ކުރުމަށް އަންނަ ހޮނިހިރު ދުވަހަށް ހަމަޖެހިފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.
ތުއްތު ސާރާއަށް މިދިޔަ ހޯމަ ދުވަހު ވަނީ އެއް އަހަރު ފުރިފައެވެ. މިއަދާ ހަމައަށް އައި އިރު އެ ތުއްތު ކުއްޖާ ވަނީ ދެ ސާޖަރީ ކޮށްފައެވެ. އެގޮތުން ފުރަތަމަ އޮޕަރޭޝަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ދެވަނަ އޮޕަރޭޝަންކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ސާރާގެ ބައްޕަ ބުނީ، ލޮކްޑައުންގެ ހާލަތުގައި އޮއްވާ އަނެއްކާވެސް ސާރާ ގޮވައިގެން އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ ގޮތަށް އެކޮޅުގައި އެމީހުން ތިބޭތާ މިހާރު 5 މަހަށް ވުރެ ގިނަ ދުވަސްވާނެ ކަމަށެވެ. އޭރު އިންޑިއާއަށް ގޮސް ސާރާގެ އޮޕަރޭޝަނެއް ކުރި ނަމަވެސް އެފަހަރު އެ ޓިއުމަރު އެއްކޮށް ނުނެގޭ ކަމަށް ސާރާގެ ބައްޕަ ބުނެއެވެ.
އެފަހަރު އެއްކޮށް ޓިއުމަރު ނުނެގީ ޓިއުމަރުގެ އެއްބައި މައިބަނދައިގައި ހުރި ނާރުތަކާ އެކުގައި ހުރުމުން ކަމަށް އިންޑިއާއިން ސާރާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ސާރާގެ ބައްޕަ ބުނެއެވެ. އަދި ކީމޯއިން އެ ޓިއުމަރު ދާނެ ކަމަށް ލަފާ ކޮށް ކީމޯ ދެމުން ދިޔަ ނަމަވެސް ކީމޯ ދިން ޑޮކްތަރުވެސް ވަނި އެހާ ތިއްތު ކުއްޖަކަށް ކީމޯ ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި ކީމޯއިން ޓިއުމަރު ނައްތާ ނުލެވުމުން އެ ޑޮކްޓަރު ވަނީ އުންމީދު ކަނޑާލާފައި ކަމަށް ވެސް އޭނާ ބުނެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮޕަރޭޝަން ކުރަން ހަމަޖެހިފައިވާއިރު މި ފަހަރު އޮޕަރޭޝަން ކުރަނީ އެ ޓިއުމަރު އެއްކޮށް ނެގުމަށް ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ކުއްޖާގެ އާއިލާއިން ބުނެއެވެ. އެއީ އެހާ ތުއްތު ކުއްޖެއް އަބަދު ސާޖަރީ ކުރުމަކީވެސް ރަނގަޅު ކަމަކަށް ނުވާނެތީއާއި މިވަގުތު އެ ޓިއުމަރު އެއްކޮށް ނަގަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ލަފާ ދިން ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުނެއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ޝުރައިހްގެ ދެމަފިރިންނަށް ލިބުނު ދަރިފުޅުގެ އުނަގަނޑުން ތިރީގެ ހަރަކާތް ދަށްވެފައިވާ ކަމުގެ ހަބަރު ލިބުމާ އެކު ރާއްޖެއިން ޑޮކްޓަރުންނަށް ދައްކައިގެން ހެދި ޓެސްޓުތަކުން އެ ކުއްޖާއަށް އެހެން ދިމާވި ސަބަބު ވަނީ ދެނެނުގަނެވިފައެވެ. އިތުރު ޓެސްޓުތައް ހެދުމަށް އިންޑިއާއަށް ސާރާ ގޮވައިގެން އެ ދެމަފިރިން ދަތުރު ފެށީ ރާއްޖޭގައި އެވަރުގެ ތުއްތު ކުއްޖެއްގެ ޓެސްޓުތައް ހެދޭނެ ވަސީލަތްތައް ނެތުމުންނާ އެކީ އާސަންދައިގެ ދަށުންނެވެ.
ޓިއުމަރު ނަގާ ފުރަތަމަ ކާމިޔާބު އޮޕަރޭޝަނެއް ކުރި ނަމަވެސް ފަހުން އަނެއްކާ ޓިއުމަރު އުފެދިގެން އެ ދެމަފިރިން އިންޑިއާއަށް ދާން ޖެހުނެވެ. އެގޮތުން ދެވަނައަށް ކުރި ދަތުރުގައި ދެވަނަ އޮޕަރޭޝަނެއް ކޮށް ކީމޯ ދިނުމަށް އެދެމަފިރިން ކުއްޖާއާ އެކު އިންޑިއާގައި މަޑުކުރިއެވެ.
މިހާރު އެ ދެމަފރިން ސާރާއާއެކު އިންޑިއާގައި ބޭސްފަރުވާއަށް ގޮސް ތިބޭތާ 5 މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި ކަމަށް ސާރާގެ ބައްޕަ ބުނެއެވެ. މިވީ 5 މަސް ދުވަހު އޭނާ އިންޑިއާގައި އެހުރީ ނޯޕޭ ގައި ކަމަށާއި މިވަގުތު އާމްދަނީއެއް ނުލިބޭތީ ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުނެއެވެ. މިއަދާ ހަމައަށް ވެސް އެ ދެމަފިރިންނަށް ތުއްތު ކުއްޖާއަށް ބޭސްފަރުވާ ކުރުމުގައި އެކި ފަރާތްތަކުން ދިން ދީލަތި އެހީ ފާހަގަކޮށް ސާރާއަށް އެހީވެދީ ހެޔޮ ދުއާ ކޮށްދިން ހުރިހާ ފަރާތްތަކަށް އެ ދެމަފިރިން ހާއްސަ ޝުކުރެއް އަދާކުރިއެވެ.
މިހާރު ހާލަތު ހުރި ގޮތުން އިތުރަށް އެހީ ބޭނުންވެފައި ތިބި ކަމަށާއި އޭނާގެ ދަރުފުޅަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި އެންމެންވެސް ދުއާ ކޮށްދިނުމަށް އޭނާ އެދެއެވެ.
އެ ދެމަފިރިންގެ ލޮލުގެ ނޫރު ފަދައިން ދެކެމުންދާ ދަރިފުޅަށް އަވަސް ޝިފާއެއް ހޯދުމަށް މިވަގުތު ވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. ސާރާއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް ސާރާގެ ބައްޕަ ޝުރެއިހް މުހައްމަދުގެ ނަންބަރު 9699276 އަށް ވައިބާ މެދުވެރިކޮށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.
'ދަ ޕްރެސް'ގެ ދުއާއަކީ މާތްﷲ ސާރާ ޝުރެއިހް މުހައްމަދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ.
އަވަސް ޝިފާއަކަށް އެދެން