މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 9 މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ތަހުގީގު ކުރަން ފަށައިފިއެވެ.

މި އޮޕަރޭޝަންތައް ހިންގާފައިވަ ރަށްތަކަކަކީ ށ. ފުނަދޫ، ތ. ގުރައިދޫ، އދ. މާމިގިލި، ށ. މާއުނގޫދޫ އަދި ށ. ފޭދޫއެވެ.

ށ. ފުނަދޫ

އެރަށުގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 23 އަހަރުގެ ދެ މީހުންނާއި 34 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވެއެވެ. ރޭ ދަންވަރު ހިންގި އެ އޮޕަރޭޝަނުގައި އެ ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައި ވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ތ. ގުރައިދޫ

މިރަށުގައި ހިންގި އޮޕަރޭޝަނަކީ އެ އަތޮޅު ދިޔަމިގިލިން އެ ރަށަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ އިންޓެލިޖެންސާއި ގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރުމަތިން 52 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އދ. މާމިގިލި

މިރަށުގައި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އޭގެ ތެރެއިން އެއް އޮޕަރޭޝަނަކީ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ދެވަނަ އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށު ގެއެއް ބަލައި ފާސްކޮށް ހިންގި އޮޕަރޭޝަނެކެވެ. އިއްޔެ ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެއްޗާއެކު 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހޮޅިކޮޅަކާއި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ށ. މާއުނގޫދޫ

މި ރަށުގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 22 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހެއްގެ އިތުރުން 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އެ އޮޕަރޭޝަނުގައި، އެ ތިން މީހުން ދިރިއުޅޭ ގެ ވަކިވަކިން ބަލައި ފާސްކުރިއިރު، 22 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 88 ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި 23 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިފައިވާއިރު 24 އަހަރުގެ މީހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 22 އަހަރުގެ މީހާއާއި 23 އަހަރުގެ މީހާއަށް 15 ދުވަސް ދީފައިވާއިރު 24 އަހަރުގެ މީހާއަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ށ. ފޭދޫ

މި ރަށުގައި ހިންގި އޮޕަރޭޝަނަކީ މާލެއިން އެރަށަށް ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފީވަކު ޕޮލިސް ސްޓޭޝަނާއި، ފުނަދޫ ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އެގޮތުން އިއްޔެ އެރަށު ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.