މިއަދު ރާއްޖެއިން 44 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮޒިޓިވް ވީ މާލެ ސަރަހައްދުން 34 މީހުންނެވެ. އަދި ރިސޯޓުތަކުން ދެ މީހަކާއި ހަދަމުންދާ ރަށްތަކުން އަށް މީހުންނެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،854 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 21 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،681 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1120 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 95 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 46 އަށް އަރާފައެވެ. އެއީ 39 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

މީގެ އިތުރުން ނިޔާވި 46 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވި 7 މީހަކު ނިޔާވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.