އިންތިހާބު ބޭއްވޭނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންނަ މަހުގެ 15ގެ ކުރިން ހުއްދަ ދީގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އިންތިހާބުގެ މަސައްކަތް ފެށުމަށް އަންނަ މަހުގެ 15ގެ ކުރިން އެ ކޮމިޝަނަށް ހުއްދަ ލިބެން ޖެހޭ ކަމަށެވެ.

އެންމެ ރަނގަޅު ގޮތަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އިއުލާންކުރުން. އެހެން ނޫން ކަމަށް ވަންޏާ އިންތިޚާބުގެ މަސައްކަތް ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމުގައި އެންމެ ލަސްވެގެން 15 ޑިސެމްބަރުގައި އެޗްޕީއޭ އިން އިއުލާންކޮށްދެއްވަން ޖެހޭނެ
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ވޯޓާސްލިސްޓް ވަކި މުއްދަތެއްގައި އާންމު ކުރުމާއި ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިނުމާއި ކެންޕެއިން ކުރަން ފުރުސަތު ދިނުމަކީ އިންތިހާބުގެ މަސައްކަތް ފެށުމަށްފަހު ވަކި ތާރީހުތަކެއްގައި ކުރަން ލާޒިމް ކަމެއް ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވެފައިވާ ލޯކަލް ކައުންސިލް އިންހާބާއި އަނަހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.

އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.