ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތައް ކުރުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ވަރަށް ބޮޑު ދައުވާއެއް ކުރާތީ އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެކި މީހުންނާ މެދު އަމަލުކުރަނީ އެކި ގޮތަށް ކަމަށް ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ގދ. ތިނަދޫގައި ޖިންސީ ގޯނާކޮށް އަންހެނަކު މަރާލި މީހެއްގެ މައްޗަށް ކޮށްފައިވަނީ ދެ ދައުވާ ކަމަށާއި އެފަދަ ކިތަންމެ ބަޔަކަށް އެއްވެސް ދައުވާއެއް ނުކޮށް ދޫކޮށްލާފައި އެބަހުރި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އަލީ ވަހީދުގެ ބަޔާންތައް ބެއްލެވި ކަމަށާއި އެކަމާ މެދު ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
އަލީ ވަހީދަށް ވަނީ ހަތް ދައުވާއެއް ކޮށްފައެވެ. އެއީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާއާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއެވެ.
އޭގެ އިތުރުން ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާއާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައިވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ. އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކޮށްފައިވަނީ އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވި އެންގެވުމަށް އިޖާބަ ދެއްވާފައި ނުވާތީއެވެ.