އަދިވެސް ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރަމުން އަންނަ ވެކްސިން ތަކުގެ ތެރެއިން، ރަޝިއާއިން ތަރައްގީ ކޮށްފައި ވާ "ސްޕަޓްނިކް-5" ބައިނަލްއަގުވާމީ ބާޒާރުތަކުގައި ވިއްކާނެ އަގު އާންމު ކޮށްފިއެވެ.
"ސްޕަޓްނިކް-5"ގެ ރަސްމީ ޓްވިޓާ ހެންޑްލްގައި އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި މި ވެކްސިން ވިއްކާނީ، ބޮލަކަށް 20 ޑޮލަރަށް ވުރެ ހެޔޮ އަގެއްގައި ކަމަށްވެއެވެ. އަދި ރަޝިއާގެ ރައްޔިތުންނަށް މި ވެކްސިން ދޭނީ އެއްވެސް އަގަކާ ނުލާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ރަޝިއާގެ ވެކްސިނަށް ފަންޑު ކުރި އާރްޑިފްގެ އިސްވެރިޔާ ކިރީލް ޑިމިޓްރިއޭފް ވަނީ، ރަޝިއާގެ ވެކްސިން ވިއްކާނީ، ކާމިޔާބީގެ ގޮތުން އެއްވަރުގެ ވާދަވެރިންނަށްވުރެ ހެޔޮ އަގެއްގައި ކަން ރޮއިޓާޒްއަށް ވިދާޅުވެފައެވެ.
ޑިމިޓްރިއޭފް ވަނީ ސްޕަޓްނިކް-5ގެ ކާމިޔާބީ އާ ގުޅޭ އެންމެ ފަހުގެ ހޯދުންތައް އާންމު ކުރައްވާފައެވެ. އެގޮތުން މި ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރި 18794 ޕޭޝަންޓްސްއާއި ކޮވިޑް-19އަށް ޕޮޒިޓިވްވި 39 ކޭހަށް ބަލާއިރު، ވެކްސިން ޖެހި ފުރަތަމަ 28 ދުވަހުގެ ކާމިޔާބީ އުޅެނީ 91.4 ޕަސެންޓްގައި ކަމަށާ، 42 ވަނަ ދުވަހު މިއަދަދު 95 ޕަސެންޓަށް އިތުރުވި ކަމަށް ޑިމިޓްރިއޭފް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19ގެ ވެކްސިންގެ ގޮތުގައި ރަޝިއާއިން ފުރަތަމަ ސިއްކަ ދިން "ސްޕަޓްނިކް-5" ގެ ކާމިޔާބީ ހާމަކޮށްފައި މިވަނީ، ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރަމުންދާ އިތުރު ކުންފުނިތަކުންވެސް، އުއްމީދީ ހަބަރުތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިން 70 ޕަސެންޓް ކާމިޔާބު ކަމަށް ބުނެފައި ވާއިރު، ގައުމުތަކުގެ ސަރުކާރުތަކާއި ބައިނަލްއަގުވާމީ ސިއްހީ ޖަމިއްޔާތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން، މި ވެކްސިންގެ ޑޮޒެއްގެ އަގު އުޅޭނީ 2.50 ޑޮލަރަށް ކަމަށް މައުލޫމާތު ލިބެއެވެ. މިހާތަނަށް އެންމެ ކާމިޔާބު 2 ވެކްސިންގެ ގޮތުގައި ބަލަމުން އަންނަ ފައިޒާގެ ވެކްސިން ޑޯޒްއެއްގެ އަގު 20 ޑޮލަރަށް އުޅޭ އިރު، މޮޑާނާގެ ވެކްސިންގެ އަގުތައް އުޅެނީ 15-25 ޑޮލަރާ ދެމެދު އަގުތަކެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.