އިއްޔެ ކ. މާފުށިން ޕޮޒިޓިވްވި ފަތުރުވެރިޔާ އަކީ އެ ރަށުގައި 27 ދުވަހު ހޭދަކުރި ފަތުރުވެރިއެއް ކަމަށް ހެލްތު އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ، މާފުށި މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފައި ވަނީ އެ ރަށުން ޑިޕާޗާއަށް ހެދި ކޮވިޑްގެ ނަތީޖާއިން ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށެވެ. އަދި އޭނާ ވަނީ އެ ރަށުގައި 27 ދުވަސް ހޭދަކޮށްފައި ކަަމަށް ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ކ. މާފުށި މޮނިޓަރިން ހާލަތަށް ލާފައި މިވަނީ އެރަށުގައި ހުރި ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު އެ ރަށުގައި ކޮންޓެކްޓް ޓްރޭސް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެކަންކަން ކުރެވެންދެން އެރަށް އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވެސް އެފަރާތުން ބުނެފައި ވެއެވެ.

މާފުށި މޮނިޓަރިން އަށް ލާފައި ވަނީ އިއްޔެ މެންދުރު ފަހު 15:43 އިން ފެށިގެންނެވެ.

މާފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އެ ރަށް މޮނިޓަރިންގެ ހާލަތަށް ލުމާ ގުޅިގެން، އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

އިއްޔެ އެ ރަށުގައި ފަތުރުވެރިއަކު ޕޮޒިޓިވްވެފައި ވާއިރު، އިއްޔެ ނޫން އިހަށް ދުވަހު އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި 5 ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ރަނގަޅުވެފައި ވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ. އަދި އެހިސާބުން މާފުށީގައި ކޮވިޑްގެ އެއްވެސް އެކްޓިވް ކޭސްއެއް ނެތްކަމަށް ވެސް ސިއްހީ މަރުކަޒުން އިއްޔެ ވަނީ ބުނެފައެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގަމުންދާ މާފުށިން 5 ފަތުރުވެރިއަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ކޮވިޑް ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖޭގެ ގެސްޓް ހައުސްތައް ބަންދު ކުރީ މިދިޔަ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން އަތޮޅު ތެރޭގައި ހުރި ގެސްޓް ހައުސްތައް ހުޅުވާލާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓްހައުސް ސިނާއަތް ހުޅުވާލުމާ އެކު އެންމެ ފުރަތަމަ ފަތުރުވެރިންގެ ބަޔަކު ގޮސްފައިވަނީ ވެސް މާފުއްޓަށެވެ.