ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުގައި ހުންނަވާތާ އެއް އަހަރު ފުރޭ ދުވަހާ ދިމާކޮށް މުޅި ރާއްޖޭގައި މުޒާހަރާ ކުުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އަހަރު ފުރޭ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އެ ކޯލިޝަނުން ބުނީ، ހޮނިހިރު ދުވަހު މުޒާހަރާ ކުރިއަށް ގެންދާނީ "އަނިޔާއާ ދެކޮޅަށް ރާއްޖެ" މި ނަމުގައި ކަމަށެވެ. އަދި އެ ދުވަހު ފެށޭ މުޒާހަރާތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށާއި ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 357 ދުވަސް ވެފައިވާ ކަމަށް އިދިކޮލޫން ބުނެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ހިނގައި ދިޔަ ގޮތް ރައްޔިތުންނަށް ސާފު ކަމަށާއި އެއީ އިންސާފެއް ނެތް ޝަރީއަތެއް ކަމަށެވެ. އެގޮތުން ޔާމީން ޖަލުގައި ހުންނަވާތާ އަހަރު ދުވަސްވީ އިރުވެސް އެމަނިކުފާނުގެ އިސްތިއުފާނު ނިމޭ ގޮތް ނުވުމަކީ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހައިކޯޓްގައި މައްސަލަ ނުނިމި ތިން މަސް ދުވަސް ވެފައިވަނީ އެމްޑީޕީއާ ސަރުކާރުގެ ނުފޫޒުން ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ދެމުން ގެންދަނީ ހައްގު އަނިޔާތަކެއް ނޫން ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ އެމަނިކުފާނާ ގުޅުވާއިރު މި ސަރުކާރުން ހެދި ލިސްޓްގައި ހިމެނޭ އެހެން މީހުން ކޮބައިތޯ އައްސަވައި ޝިޔާމް ސުވާލު ކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ މި މައްސަލާގައި އެ ކޯލިޝަނުން ދެން މަޑުން ތިބެން ބޭނުން ނުވާ ކަމަށާއި ރައީސް ޔާމީން ޖަލަށް ލައިގެން އެ އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަ ޖައްސަވަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.