މާލެ ކައިރިން ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރަށްފަޅު ހުރާގައި 107 އެކްޓިވް ކޭސް އެބަ ތިބި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، މިވަގުތު ރަށްފަޅު ހުރާގައި 107 އެކްޓިވް ކޭސް އަދި 125 ކޮންޓެކްޓުން އެބަ ތިބި ކަމަށެވެ.

އެގޮތުން އެމީހުންގެ ތެރެއިން މިއަދު 143 ސާމްޕަލް ނެގިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެ މީހުންނަކީ ބަލީގެ އަލާމަތްތައް ހުރި މީހުން ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އިތުރަށް އޮތް 2 ދުވަސް ތެރޭގައި ހުރިހާ ސާމްޕަލް ތަކެއް ނަގާ ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހކަ ދައްކަވަމުން ނަޒްލާ ވިދާޅުވެފައި ވަނީ އެ ދުވަހު ޕޮޒިޓިވްވި ކޭސްގެ ތެރޭގައި ރަށްފަޅު ހުރާއިން 15 ކޭސް ފެނިފައިވާ ކަމަށެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 12،608 އަށް އަރާފައެވެ. އޭގެ ތެރެއިން އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 11،599 އަށް އަރާފައެވެ.