ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވް ވި މުވައްޒަފުންގެ އަދަދު 102 އަށް އަރައިފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 102 އަށް އަރާފައިވާ ކަމަށާއި 191 ކްލޯސް ކޮންޓެކްޓުން ހިމެނޭ ކަމަށެވެ.

މި މަހުގެ 19 ވަނަ ދުވަހު އެއާޕޯޓް ކާގީގެ މުވައްޒަފުންގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ 57 މީހުންނެވެ. އަދި އެ މީހުންގެ ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި 77 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭއިން އޭރު ބުނެފައި ވެއެވެ.

އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވެފައި ވެއެވެ. 13 ވަނަ ދުވަހު ހަ މީހަކު ޕޮޒިޓިވް ވި އަދި 14 ވަނަ ދުވަހު ހަތް މީހަކު ޕޮޒިޓިވް ވެފައި ވެއެވެ. އަދި 15 ވަނަ ދުވަހު ތިން މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފެނުނު ކޭސްތައް ހިމެނެނީ ޗައިނާ ކްލަސްތާގެ ތެރޭގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ ކްލަސްޓާއިން މިހާތަނަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ އިރު އެ ކްލަސްޓާގައި ހިމެނެނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އިތުރުން އެއާޕޯޓްގައި މަސައްކަތް ކުރަމުންދާ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީގެ މުވައްޒިފުންނާއި ޗައިނާ ކޮމިއުނިކޭޝަން ކޮމްޕެނީގެ މުވައްޒިފުންތަކެކެވެ.