މަސްވެރިކަން ކުރާ ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއަކަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ، މ އަތޮޅު މުލި ކައިރީ މަސްވެރިކަން ކުރަމުން ދިޔަ "ގެލެކްސީ-2" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ފަޅުވެރިއަކު ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ފަޅުވެރިއަކީ އުމުރުން 57 އަހަރުގެ ދިވެއްސެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން އަވަސް ފަރުވާއަށް އެ ފަޅުވެރިއާ ގެންގޮސްފައި ވަނީ މ. އަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފުން ބުނީ އެ ދޯނި އޭރު އޮތީ މ. މުލިއާ 12 ނޯޓު މޭލު ބޭރުގައި މަސްވެރިކަން ކުރަން ކަމަށެވެ.

ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.